Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ތިމާވެށި ހިމާޔަތް ކުރުން؛ މުޅިން އެހެން މާނައެއް!

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ ތިމާވެށީގެ ދުވަސް ރާއްޖޭގައި ވެސް ފާހަގަކުރާއިރު ގިނަ ދިވެހީންނަށް ކުރެވެނީ ތަފާތު އިހުސާސަކާ ތަޖުރިބާއެކެވެ. ޚާއްސަކޮށް ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކާއި ވެށި ސަލާމަތް ކުރުމަށް އަދި ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ އެތައް ބަޔަކަށް ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ދަތިވެއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ނުކުރާ އެއްވެސް ގައުމެއް ދުނިޔޭގައި ނެތެވެ. އިންސާނުން އަމަލުތައް ބިނާވެ ބައްޓަން ވެފައިވާ ގޮތުން ކުރިއަށް އޮތް 50 އަހަރަކީ ސައިންސްވެރިން ލަފާ ކުރާ ގޮތުގައި މުޅި ދުނިޔެއަށް ވެސް ތިމާވެށީގެ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ އަހަރުތަކެކެވެ.

އޭގެ ތެރޭގައި ވެސް އެންމެ ބޮޑަށް އޭގެ ނޭދެވޭ އަސަރުކުރާނެ އެއް ގައުމަކަށް ދިވެހި ރާއްޖެވެ، ރާއްޖެ އަޑިއަށް ހިނގާދާނެ ކަމުގެ އިންޒާރު މީގެ 10 އަހަރު ކުރިން ވެސް ސައިންސްވެރިން ވަނީ ދީފައެވެ. މިގައުމު ސަލާމަތް ކުރުމަށް މިފާއިތުވެދިޔަ ދިހަ ފަނަރަ އަހަރު ކުރެވުނު ކަންތައް މަދުއިރު، ފެންނާން އޮތް ހަގީގަތަކީ ވެށި ހަލާކުކުރުމަށް ދިވެހިންނަށް ކުރެވުނު ކަންތައް ގިނަ ކަމެވެ.

ފަރުދީ ގޮތުން ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއަށް ފަރުވާ ކުޑަނުކުރަނީ މަދު ބައެކެވެ. ރަށް ރަށުގެ ފުށްޓަރު ފަރާތުން ދޮންވެލި، އަކިރި ނެގުން މަދެއް ނުވެއެވެ. ރަށް ގިރުމުގެ މައްސަލަ ދިމާ ނުވާ އެންމެ ރަށެއް ވެސް މިކުޑަކުޑަ ދިވެހި ރާއްޖޭގައި ނެތެވެ.

ފަރުދީ ޒިންމާތައް އެއްކާރިކުރުމަށް ފަހު ތަރައްގީގެ ނަމުގައި ދިވެހި ސަރުކާރުން، ވެރިންގެ ގޮތުގައި ކޮންމެ ބަޔަކު ތިބި ކަމުގައި ވިޔަސް ވެފައިވަނީ ބޮޑު އިހުމާލެކެވެ. ބަނދަރު ހެދުމާއި ބިން ހިއްކުމަށް ފަޅުތަކާއި ރަށްތަށް އެކީ ހިއްކާފައި އޮތްއިރު، ތިމާވެއްޓަށް ގެއްލުން ކުޑަކުރެވޭ ގޮތަށް ހިންގާފައިވަނީ މަދު މަޝްރޫއެކެވެ. އޭގެ ނޭދެވޭ އަސަރު ކައިރި ރަށްތަކަށް ކުރާއިރު އުދަ އެރުމާއި ފެން ބޮޑުވުމަކީ ރައްޔިތުން އުފުލަން ދޫކުރެވިފައި އޮތް ތަކުލީފުތަކެވެ.

ފާއިތުވެދިޔަ 15-10 އަހަރަށް ބަލާލާއިރު ރާއްޖޭގެ ރަށްތައް ވިކި ހުސްކޮށްފައިވާއިރު އެތައް ފަރެއް ވަނީ ހަލާކުވެފައެވެ. ފަޅުތަކުން ގިނަ އަދަދެއްގެ ވެލި ނެގުމާއި ރަށްތަކުން އެއް ފަހަރާ އެތައް ސަތޭކަ ރުށް ގަސް ނެގުމަކީ މިއަދާ ހަމައަށް ވެސް ހައްލެއް ލިބިފައި ނުވާ ކަންތައްތަކެވެ.

ފަރަށް ލިިބެމުންދާ ގެއްލުންތައް

ސިނަމާލެ ބްރިޖަކީ ވެއްޓަށް ލިބޭނެ ގެއްލުން ދިރާސާ ކުރުމަށް މަސައްކަތް ކުރަން ފެށުނު މަޝްރޫއެކެވެ. ނަމަވެސް މަސައްކަތް ނިމުނުއިރު މާލޭގެ ބޭރު ފަޅަށް ލިބިފައިވާ ގެއްލުން ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މާބޮޑެވެ. މިސަރުކާރުން ވިލިމާލެ އަދި ގުޅިފަޅު މާލެއާ ގުޅާލުމަށް ބްރިޖެއް އެޅުމަށް ނިންމާފައިވާއިރު ގުޅިފަޅާއި ވިލިމާލެ އަދި މާލޭގެ ފަރަށް ލިބޭނެ ގެއްލުން އަންދާޒާ ކުރިތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ގުޅިފަޅު ހިއްކުމަށް ފަހު މާލެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަން ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއަކީ ވެސް ގުޅިފަޅުގެ އިތުރުން ވިލިމާލެއަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމަކަށް ވާތީ އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ވަނީ އެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ އީޕީއޭގެ ކަންބޮޑުވުންތައް އެއްކާރި ކޮށްލުމަށް ފަހު، އަދި ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ބީރު ކަންފަތެއް ދިނުމަށް ފަހު މަޝްރޫއާ އެކު ކުރިއަށް ދިއުމެވެ.

މިމަޝްރޫއުގެ ސަބަބުން ވިލިމާލެ އަތިރިމަތި ކިސަޑު ވުމާއި އެސަރަހައްދު ފަރު ހަލާކުވުމުގެ އިތުރުން ޑައިވް ޕޮއިންޓުވެސް ގެއްލި ކަނޑުގެ ދިރުން ގެއްލިގެން ދިއުމުގެ ބިރު ބޮޑު ކަމަށް ތިމާވެށި ހިމާޔަތް ކުރާ އެންޖީއޯ، ސޭވް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ދޮންވެލި ނެގުން

ރަށް ރަށުގެ ފުށްޓަރު ފަރާތުން ދޮންވެލި ނެގުން މަނާކޮށްފައިވި ނަމަވެސް ހުއްދަ ހޯދައިގެން ރަށް ރަށުގެ ފަޅުން ވެލި ނަގައި ވިއްކުމަކީ ހުއްދަ ކަމެކެވެ. ގިނައިން މިގޮތަށް ވެލި ނަގަނީ ރިސޯޓުތަކުގެ ގޮނޑުދޮށް ރީތިކޮށް ފަތުރުވެރިންނަށް ދައްކާލުމުގެ ބޭނުމުގައެވެ.

ގުދުރަތީ ނިޒާމެއް ފުނޑުކޮށްލުމަށް ފަހު ރިސޯޓުތަކުގެ ގޮނޑުދޮށް ހުދުކޮށްލުމަށް ރަށްރަށުގެ ފަޅުން ވެލި ނެގުމުގެ ނޭދެވޭ އަސަރު ފެންނަން ފަށާނީ ރަށް ގެއްލި ނެތިގެންދާ ހިސާބުންނެވެ. ދިވެހި ރަށްތަކާއި ފަޅުތަކަކީ ގުދުރަތުން ވެސް ދޮންވެލި ހުދުން ހުދުވެފައި އޮންނަ ގޮނޑުދޮށްތަކެވެ. އިތުރަށް ވެލި އަޅައި މީހުން ދިރިއުޅޭ ރަށްތަކުގެ ގުދުރަތީ ނިޒާމު ނުރައްކަލަށް ހުށައެޅުމަށް ވުރެ ފަޅުތަކުން ވެލި ނަގައި ވިއްކުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅެކެވެ.

ރުށްގަސް ނެގުން

ކުއްލި ގޮތަކަށް މީހުން ދިރިއުޅޭ ރަށްރަށުން އެއް ފަހަރާ ގިނަ އަދަދެއްގެ ރުށް ގަސް ނަގައި ބޭރުކުރަން ފަށާފައިވަނީ ނުއަގުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ފަހު އެ ތަންތަނުގައި ރިސޯޓު އެޅުމުގެ މަސައްކަތް ފެށި ފަހުންނެވެ.

އެއްފަހަރާ އެހާ ގިނަ ރުށް ގަސް އުފުރާލުމަކީ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އެހެނިހެން ދޫނިތަކާއި ޖަނަވާރުތަކަށް ވެސް އޭގެ ދަތި އުނދަގޫ ފޯރާނެ ކަމެކެވެ.

މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރުށް ގަސް ނެގުން ކުށްވެރި ކުރުމަށް ފަހު، ވެރިކަން ބަދަލުވުމަށް ފަހުގައިވެސް ރުށް ގަސް ނެގުން ހުއްޓުވިފައިނުވާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިއަދު ރައީސުލް ޖުމުހޫރިއްޔާ، ބައިނަލް އަގުވާމީ ތިމާވެށީގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި، ތިމާވެށި ހިމާޔަތް ކުރުމަށް މިސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް ތިމާވެއްޓާ ގުޅޭ ގިނަ މައްސަލަތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ހިނގަމުން އަންނައިރު އެކަށީގެންވާ އަހަމިއްޔަތުކަމެއް ތިމާވެއްޓަށް ނުދެވޭކަން ފާހަގަކޮށްލެވެއެވެ. މިސަރުކާރަކީ ތިމާވެށި ހަލާކުކޮށްލުމަކީ އިންސާނިއްޔަތުކަން ނަގާލުން ނުވަތަ ޖެނޮސައިޑާ އެއްވަރުގެ ކުށެއް ކަމަށް ކަނޑައެޅުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ވަކާލާތުކޮށްފައިވާ ސަރުކާރެކެވެ.

ނަމަވެސް ސަރުކާރުގެ އަމަލުތައް ބަހާ ނުގުޅި، ތިމާވެށި ހިމާޔަތް ކުރަން ދައުލަތެއްގެ ގޮތުގައި ކުރަން ޖެހޭ މަސައްކަތް ނުކުރެވި އިހުމާލުވެފައިވާ ކަމީ ބައިނަލް އަގުވާމީ ތިމާވެށީގެ ދުވަހު ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއެކެވެ. ދިވެހި ރައްޔިތުން އެދެނީ ވެރިކަމަށް އައުމުގެ ކުރީން ތިމާވެށި ހިމާޔަތް ކުރުމަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ދިނުމެވެ.

ދިވެހި ރާއްޖެ އަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ ނާޒުކު މައްސަލަތަކުން އަރައިގަނެވޭނީ ދައުލަތެއްގެ ގޮތުން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ އެކަށީގެންވާ މިނެއްގައި އަޅައިގެންނެވެ.