Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފޭދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް

އަލީ އިހުސާން،

2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ގޮނޑި އަށް ކުރިމަތިލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ހެޕީމާކެޓުގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވެފައިމިވަނީ އޭނާ އާއި ގުޅުވައި ބައެއް ޕާޓީތަކުގެ ސިޔާސީ އެކްޓިވިސްޓުން ތަފާތު އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އިހުސާން މިއަދު ވިދާޅުވީ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާ އަށް ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އޭނާ މިހާރު ހުންނެވީ މާ ރަނގަޅަށް ހިދުމަތް ދެވޭ ވަޒީފާއެއްގައި ކަމަށެވެ.

އަދި މިކަން ހާމަކުރަން މިޖެހުނީ މިކަމާއި ހެދި ބައެއް ފަރާތްތަކަށް ހަމަ ނިދި ނުލިބި، ރަސްމީ މަސައްކަތް ވެސް ނުކުރެވޭ ހިސާބަށް ދިޔުމުން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

"އިންޝާﷲ، ފޭދޫ ދާއިރާގެ މަޖިލިސް ގޮނޑި އަށް ކުރިމަތިނުލާނަން ދުވަހަކުވެސް" އިހުސާން ވިދާޅުވިއެވެ.

ހެޕީ މާކެޓުގެ ސީއީއޯގެ އިތުރުން އިހުސާން ގެންދަވަނީ އެއިމްސް ޑައިގްނޯސްޓިކް ކެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުންނެވެ.

ކޮވިޑްގެ ކަންކަމުގައި ހެޕީ މާކެޓުން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މީގެކުރިން ހެޕީ މާކެޓުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް ބޭނުންވާ ހޭންޑު ސެނެޓައިޒާ ވެސް ފޯރުކޮށްދީފައެވެ.

މީގެއިތުރުން ހެޕީ މާކެޓުން އަންނަނީ ހޭންޑް ސެނިޓައިޒާ އާއި މާސްކު ވެސް ހެޔޮ އަގެއްގައި ވިއްކަމުންނެވެ.