ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތާއި ގުޅޭގޮތުން ޓެކްސީ އަދި ޕިކަޕް ސެންޓަރުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ގްރޭޓަރ މާލޭ ސަރަޙައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއެކު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިރޭ ބޭއްވި ބައްދަލުވުމުގައެވެ.
އެގޮތުން މި ބައްދަލުވުމުގައި ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދާދިފަހުން ނަހުލާ ވަނީ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ވެވެން އޮތް އެހީއެއް ސަރުކާރުން ވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މާލެ ސަރަޙައްދު އެންމެ ފުރަތަމަ ފުރަބަންދުކުރުމުން ކޮންމެ ސެންޓަރަކުން 6 ޓެކްސީއަށް ހުއްދަދޭން ނިންމިނަމަވެސް އެ އަދަދު އިތުރުކުރުމަށް ސެންޓަރުތަކުން އެދުމުން ފުލުހުންނާއި މަޝްވަރާކޮށް ކޮންމެ ސެންޓަރަކުން 10 ޓެކްސީއަށް ހުއްދަދީފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
މީގެއިތުރުން ކޮވިޑް-19 އާ ހެދި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ތައާރަފްކުރި ރިލީފް ޕެކޭޖްތަކުގެ ތެރެއިން ޓެކްސީ ޑްރައިވަރުންނަށް އެހީތެެރިކަމެއް ހޯދައިދޭން އިކޮނޮމިކް މިނިސްޓްރީއާ ވެސް ވާހަަކަ ދައްކާފައިވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.