Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

މެލޭޝިއާ އިން މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމައިފި

ކޮވިޑް-19 ގެ ބިރަށްޓަކައި މެލޭޝިއާ އިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެލޭޝިއާގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ޒުލްކިފްލީ މުހައްމަދު ވިދާޅުވީ މި ނިންމުން ނިންމީ ސިއްހީ ފަރާތްތަކާއި އަދި އެގައުމުގެ ހައްޖުގެ ކަންކަމާ ބެހޭ ބޯޑުގެ އިތުރުން ދީނީ އިސް ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

"ހައްޖުގެ އަޅުކަމަކީ މުސްލިމުންނަށް މުހިއްމު އަޅުކަމެއް. އެހެންކަމުން މިއީ ނިންމަން އުނދަގޫވި ނިންމުމެއް" އޭނާ ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމާއެކު، ރައްކާތެރިކަން ކަށަވަރުވެ، ތަނަވަސްކަން ހުރެގެން އަދާކުރަންޖެހޭ އަޅުކަމެއް ކަމަށާއި މި ކަންކަން ފުރިހަމަ ނުވާނަމަ އެ އަޅުކަން ކޮންމެހެން އަދާކުރަން ވާޖިބު ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކޮވިޑަށް އަދި މިހާތަނަށް ވެކްސިނެއް ލިބިފައި ނުވާކަން ފާހަގަކުރައްވަމުން ޒުލްކިފްލީ ވަނީ ތިމާ އަށާއި އެހެން މީހުންނަށް ގެއްލުން ލިބޭ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

މެލޭޝިއާގެ އިތުރުން އިންޑޮނީޝިއާ އިން ވެސް މީގެކުރިން ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން ނިންމާފައެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ސައުދީން އަދި ރަސްމީކޮށް ނިންމުމެއް ނިންމާފައި ނުވާއިރު، މިދިޔަ މަހު ކުރީކޮޅު އެގައުމުން ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގާފައެވެ.