Last Updated: April 26, 15:02
Friday, April 26, 2024
ދުނިޔެ

ދެކުނު އެފްރިކާ އިން މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމައިފި

ކޮވިޑް-19 ގެ ބިރަށްޓަކައި ދެކުނު އެފްރިކާ އިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން ނިންމައިފިއެވެ.

ދެކުނު އެފްރިކާގެ ހައްޖު އެންޑް އުމްރާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްގެ ނުރައްކާ ސައުދީގައި އިތުރަށް ގޯސްވަމުންދާތީ އާއި އަދި ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާތީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އެގައުމުގެ ރައްޔިތުން ނުފޮނުވަން ނިންމާފައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ނުދެވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ ރައްދުކޮށްދޭނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ. ހަމަ މި އުސޫލުން ދެކުނު އެފްރިކާގައި ހައްޖަށް މީހުން ގެންދާ ގްރޫޕްތަކުން ވެސް އަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ދެކުނު އެފްރިކާގެ އިތުރުން މެލޭޝިއާ އާއި އިންޑޮނީޝިއާގެ އިތުރުން ސިންގަޕޫރުން ވެސް މީގެކުރިން ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ސައުދީން އަދި ރަސްމީކޮށް ނިންމުމެއް ނިންމާފައި ނުވާއިރު، މިދިޔަ މަހު ކުރީކޮޅު އެގައުމުން ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގާފައެވެ.