Last Updated: April 25, 21:20
Thursday, April 25, 2024
ދުނިޔެ

އިންޑިއާގެ 50،000 އަހަރުވީ ފެންގަނޑެއްގައި ފިޔާތޮށި ކުލަ ޖެހިއްޖެ

Photo: CNN

އިންޑިއާގައި ހުރި 50،000 އަހަރުވީ ފެންގަނޑެއްގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލު ވެއްޖެއެވެ.

މަހަރާޝްތްރާ ސްޓޭޓުގައި ހުންނަ މި ފެންގަނޑުގެ ކުލަ ކުއްލިއަކަށް ބަދަލު ވެފައިވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިންނެވެ.

ލޯނަރ ނަމަކަށް ކިޔާ މި ފެންގަނޑުގެ ކުލަ ކުއްލި އަކަށް ބަދަލު ވާން ޖެހުނު ސަބަބެއް ސީދާ ސައިންސްވެރިންނަށް ހޯދިފައި ނުވެއެވެ. ނަމަވެސް އެފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި މިކަން ހިނގަން މެދުވެރިވި ސަބަބު ތަކުގެ ތެރޭގައި ފެންގަނޑުގެ ލޮނުގެ މިންވަރު އިތުރު ވުން، ނުވަތަ ފެންގަނޑުގައި ރަތް ވިނަ އުފެދުން، ނުވަތަ މި ދެ ކަން އެއްކޮށް ވުން ވެސް އެކަށީގެންވެއެވެ. މިކަން ހިނގަން މެދުވެރިވި ސީދާ ސަބަބެއް ހޯދަން މިހާރު ދަނީ ތަހުލީލުތައް ކުރެވެމުންނެވެ.

އެޤައުމުގެ ޖިއޮލޮޖިސްޓެއް ކަމަށްވާ ގަޖަނަން ޚަރަތު ބުނާ ގޮތުގައި ކުރިން ވެސް އެއް ފަހަރު މި ފެންގަނޑުގެ ކުލަ ބަދަލު ވެފައިވެއެވެ. ނަމަވެސް ވަރަށް ކުޑަ ކޮށެވެ.

"މި އަހަރު ފެންގަނޑުގެ ކުލަ ވަކިން ރަތް ކަން ގަދަ. އެއީ ފެންގަނޑުގެ ލޮނު ކަން އިތުރު ވުމުން. ފެންގަނޑުގައި ފެން މަދުވެ، ތިލަ ވެފަ މި ވަނީ. އެހެން ކަމުން ލޮނުގެ އަސަރު ގަދަވެ، ފެންގަނޑަށް ބަދަލު ތަކެއް އައިސްފައި މިވަނީ."

ނަމަވެސް ރަތް ވިނަ ހުރިތޯ ބެލުމުގެ މަސައްކަތް ކުރެވެމުން ދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ދުނިޔެއަށް މީގެ 50،000 އަހަރު ކުރިން ވެއްޓުނު މީޓިއޯ އެއްގެ ސަބަބުން އުފެދުނު މި ފެންގަނޑު އޮންނަނީ މުމްބާއި އާއި 500 ކިލޯމީޓަރު އިރުމައްޗަށެވެ. އަދި މި ފެންގަނޑަކީ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށް، ދުނިޔޭގެ އެކި ހިސާބުތަކުން ސައިންސްވެރިންވެސް ތަހުލީލު ކުރަމުން އަންނަ ފެންގަނޑެކެވެ.