Last Updated: March 29, 17:22
Friday, March 29, 2024
ދުނިޔެ

ހައްޖުގެ އަޅުކަމާމެދު ސައުދީން ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމަނީ

މިއަހަރުގެ ހައްޖުގެ އަޅުކަމާމެދު ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 ގެ ނުރައްކާ ސައުދީގައި ބޮޑުވެފައިވާއިރު މިއަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ނުފޮނުވަން ބައެއް ގައުމުތަކުން މިހާރު އަންނަނީ ނިންމަމުންނެވެ. އެގޮތުން މިހާތަނަށް އިންޑޮނީޝިޔާ އާއި މެލޭޝިއާ އާއި ސިންގަޕޫރުގެ އިތުރުން ދެކުނު އެފްރިކާ އިން ވަނީ ހައްޖަށް މީހުން ނުފޮނުވަން ނިންމާފައެވެ.

ހައްޖުގެ އަޅުކަމާމެދު ސައުދީން ނިންމާ ގޮތެއް އަވަހަށް ހާމަކުރުމަށް ބައެއް ގައުމުތަކުން ގޮވާލަމުންދާއިރު "ފައިނޭންޝަލް ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމާއި މެދު ވަރަށް ގިނަ ގޮތްގޮތަށް ވިސްނަމުންދާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ގޮތެއް ހަފްތާއެއްގެ ތެރޭގައި ނިންމާނެ ކަމަށެވެ.

"ހުރިހާ އޮޕްޝަނަކާއި މެދު ވެސް އަހަރުމެން މިދަނީ ވިސްނަމުން. އެކަމަކު ހައްޖަށް އަންނަ މީހުންގެ ސިއްހަތާއި ރައްކާތެރިކަމަށް އަހަރުމެން ހާއްސަ އިސްކަމެއް ދޭންޖެހޭނެ" އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑަށް ސައުދީން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވް ވެފައިވަނީ މާޗު މަހުގެ ދެވަނަ ދުވަހުއެވެ. އެއާއެކު ކާފިއު ހިންގައި ދަތުރުފަތުރު ކުރުމުގައި ފިޔަވަޅުތައް އެގައުމުން އެޅިއިރު މިދިޔަ މަހުގެ މެދުތެރޭގައި އެގައުމުގެ ސަރުކާރުން ވަނީ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ. ފިޔަވަޅުތައް ލުއިދިނުމާއެކު އަނެއްކާވެސް ކޭސްތައް ފެންނަ މިންވަރު ވަނީ ގިނަވާން ފަށާފައެވެ.

އެގޮތުން ފާއިތުވި ހަ ދުވަހު ވެސް ސައުދީން ދުވާލެއްގެ މައްޗަށް 3،000 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާއިރ މި ބަލީގައި އެގައުމުން މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ސައުދީން އަދި ރަސްމީކޮށް ނިންމުމެއް ނިންމާފައި ނުވާއިރު، މިދިޔަ މަހު ކުރީކޮޅު އެގައުމުން ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގާފައެވެ.

މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖުލައި 28 ވަނަ ދުވަހާ އެވެ.