Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ކޮވިޑްގެ ބަލި މީހުންނާމެދު އިންޑިއާގެ ބައެއް ހޮސްޕިޓަލުތަކުން އަމަލުކުރަނީ ދެރަވަރުކޮށް

ކޮވިޑް-19 ގެ ބަލި މީހުންނާމެދު އިންޑިއާގެ ބައެއް ހޮސްޕިޓަލުތަކުން އަމަލުކުރަނީ ވަރަށް ދެރަވަރުކޮށް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ ކޮވިޑްގެ ބަލި މީހުންނާ މެދު ފަރުވާކުޑަކޮށް އަމަލުކުރާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އެ ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ ސުމޯޓޯ މައްސަލައިގައެވެ. މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އެގޮތުން ކޮވިޑްގެ ބަލި މީހުންނާމެދު ދެރަވަރުކޮށް ވެރިރަށް ނިއުދިއްލީ، މަހާރަޝްތްރާ އާއި ޓެމިލް ނާޑޫ އަދި ވެސްޓް ބެންގާލްގެ ހޮސްޕިޓަލުތަކުން އަމަލުކުރާ ކަމަށް މީޑިޔާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ފަނޑިޔާރު އަޝޮކް ބުޝާން ވަނީ ބައެއް ހޮސްޕިޓަލުތަކުން ކޮވިޑްގެ ބަލި މީހުންނާ މެދު އަމަލުކުރަނީ ޖަނާވަރުންނަށް ވުރެ ވެސް ދެރަވަރުކޮށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ބަލީގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ކުނި އަޅާ ޑަސްބިނަކުން ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ބެންޗުން އެންމެ ބޮޑަށް މި އަޑުއެހުމުގައި ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ ނިއުދިއްލީގައި ކަންކަން ކުރަމުންދާ ގޮތަށެވެ. އެގޮތުން ދިއްލީގެ ހޮސްޕިޓަލުތަކުގެ ފެންވަރު ދަށްކަން ފާހަގަކުރަމުން ފަނޑިޔާރުން ވަނީ ޓެސްޓު ކުރާ ނިސްބަތް ދިއްލީގައި މަދުކުރި ސަބަބު ސާފުކޮށްދޭން ވެސް އެދިފައެވެ.

"ދިއްލީގެ ހާލަތު އޮތީ ވަރަށް ދެރަވަރުކޮށް. ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވޭއިރު، ބަލީގައި މަރުވާ މީހުންގެ އާއިލާތަކަށް އެކަން ނާންގާ ވެސް އެބަހުރި" ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފްތާގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންޑިއާގެ ތިންވަނަ އަށް އެންމެ ހާލަތު ގޯސްވެފައިވަނީ ދިއްލީގައެވެ.