Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ފަސޭހަ މޮޅަކާއެކު ބާސާ އަށް ފަސް ޕޮއިންޓުގެ ލީޑެއް

މަޔޯކާގެ މައްޗަށް 4-0 އިން ކުރި ހޯދައި ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 61 ޕޮއިންޓާ އެކުއެވެ. ބާސާ އަށް ވުރެ އެއް މެޗު މަދުން ކުޅެ 56 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

މަޔޯކާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 66 ވަނަ ސިކުންތުގެ ތެރޭގައި އާޓުރޯ ވިޑާލް ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާގެ ފޯވާޑް މާޓިން ބްރެއިތްވެއިޓް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ލުއިސް ސުއަރޭޒް ރޭގެ މެޗުގެ ދެވަނަ ހާފްގައި ކުޅެން އެރިއިރު ބާސާގެ ތިންވަނަ ގޯލު ލިއޮނަލް މެސީ ދިން ޕާހަކުން މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ މެސީ ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ލީގުގައި މެސީ ކާމިޔާބުކުރި 20 ވަނަ ގޯލެވެ.

ލީގުގެ އެއްވަނައިގައި ބާސާ އިން ނަގާފައިވާ ލީޑު ކުރުމުގެ ފުރުސަތު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް މިރޭ އެބައޮތެވެ. އެގޮތުން ރެއާލް މިރޭ ނިކުންނާނީ އެއިބާއާ ދެކޮޅަށެވެ.

މި މެޗު ފަށާނީ މިިރޭ ރާއްޖެގަޑިން 10:30 ގައެވެ.