Last Updated: July 10, 09:47
Thursday, July 10, 2025
ކުޅިވަރު

ލީގު ހޯދުމަށް ބަޔާން އަށް މިހާރު ބޭނުންވަނީ އެންމެ މޮޅެއް

ބޮރޫޝިއާ މޮންޗެންގްލެޑްބެޗްގެ މައްޗަށް 2-1 އިން ކުރި ހޯދާ ޖަރުމަނު ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ބަޔާން މިއުނިކުން ޖެހިލައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ބަޔާން މިހާރު އޮތީ 73 ޕޮއިންޓާ އެކުއެވެ. ލީގު ހޯދުމަށް ބަޔާން އަށް މިހާރު ބޭނުންވަނީ އެންމެ މޮޅެކެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުގެރޭ ބަޔާން އިން ވާޑަ ބްރޭމަން އާއި ދެކޮޅަށް ނިކުންނާނެއެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 26 ވަނަ މިނެޓްގައި ޒުވާން ފޯވާޑް ޒާކްޒީ ވަނީ ބަޔާން އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 37 ވަނަ މިނެޓްގައި މޮންޗެންގްލެޑްބެޗް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލަކީ ބަޔާންގެ ޑިފެންޑަރު ޕަވާޑް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ ދެވަނަ ހާފްގައި މޮންޗެންގްލެޑްބެޗް އިން ބަޔާންގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބަޔާންގެ ކީޕަރު މެނުއަލް ނޯޔާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުން ބަޔާން މޮޅުވި ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގޮރެޓްޒްކާއެވެ.

ލީގު ހޯދުމަށް ބަޔާން އަށް މިހާރު ބޭނުންވަނީ އެންމެ މޮޅެއް ކަމަށްވާއިރު، މިފަހަރު ލީގު ހޯދައިފިނަމަ މިއީ އެޓީމުން ލީގު ކާމިޔާބުކުރާ 30 ވަނަ ފަހަރަށް ވާނެއެވެ.