Last Updated: April 23, 16:26
Tuesday, April 23, 2024
ޚަބަރު

އެމެރިކާގެ ފުލުހުން އަނެއްކާވެސް ކަޅު ނަސްލަށް ނިސްބަތްވާ މީހަކު މަރައިފި

Photo: Change.org

އެމެރިކާގެ ފުލުހުން އަނެއްކާވެސް ކަޅު ނަސްލަށް ނިސްބަތްވާ މީހަކު މަރަފިއިއެވެ.

މިފަހަރު އެޤައުމުގެ ފުލުހުން މަރާލާފައިވަނި ރޭއިޝާޑް ބްރޫކްސް ނަމަކަށް ކިޔާ މީހެކެވެ. ބްރޫކްސް މަރާލެވުނީ ހުކުރު ދުވަހުގެ ރޭ، އެންޓްލާންޓާގައި ވެންޑީސް ޑްރައިވް ރުތޫ ކައިރިންނެވެ. އޭނާ މަރާލާފައިވަނީ ބަޑި ޖަހައިގެންނެވެ.

ޖޯޖިއާ ބިއުރޯ އޮފް އިންވެސްޓިގޭޝަން (ޖީބީއައި) އިން ބުނާ ގޮތުގައި މިކަން ހިނގަން މެދުވެރިވީ، ހުކުރު ދުވަހުގެ ރޭ 10:33 ހާއިރު ފުލުހުންނަށް ލިބުނު ފޯނު ކޯލަކަށް އެސަރަހައްދަށް ދިއުމަށް ފަހުއެވެ. އެގޮތުން، ހުށައެޅުނު ޝަކުވާ އަކީ ވެންޑީސްގެ ޑްރައިވް ތުރޫގައި މީހަކު ކާރެއް ޕާކު ކޮށްގެން ނިދާފައި އޮތުމުން އެތަނުން ދުއްވާފައިދާ މީހުން އެ ކާރު ވަށާލައިގެން ދާން ޖެހުމެވެ.

ޖީބީއައި އިން ބުނި ގޮތުގައި ފުލުހުން ފުރަތަމަ އޭނާއަށް ދިނީ ސޮބްރައެޓީ ޓެސްޓެެކެވެ. މިޓެސްޓަކީ މީހެއްގެ ހަށިގަނޑުގައި ރަލުގެ އަސަރު ހުރި މިންވަރު ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. ބްރޫކްސް ވަނީ މިޓެސްޓުން ފެއިލް ވެފައެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރަން އުޅުމުން އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައި ހުރަސްް އަޅާފައި ކަމަށްވެސް ޖީބިއައި އިން ބުންޏެވެ.

މިކަމާއި ގުޅިގެން ވެންޑީސްގެ ސެކިއުރިޓީ ކެމެރާތަކާއި، މަންޒަރު ދުށް ފަރާތްތަކުން ފޯރުކޮށްދީފައިވާ ވީޑިއޯ ޖީބީއައި އިން ވަނީ ހޯދާފައެވެ.

ސީއެންއެންގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ވީޑިއޯތަކުން ބްރޫކްސް ފުލުހެއްގެ ޓޭޒަރ ގަން ހިފަގެން ދުއްވައި ގަންނަ ތަން ފެނެއެވެ. އަދި ފުލުހުން އޭނާ ފަހަތުން ގޮސް، ބްރޫކްސް އާއި ދިމާލަށް އެމީހުންގެ އަތުގައި އޮތް ޓޭޒަރ ގަން އެއް ޖަހާތަން ފެނެއެވެ. އެއަށް ފަހު ވަކި ހިސާބަކުން ބްރޫކްސް ފުލުހުންނާއި ދިމާލަށް އޭނާގެ އަތުގައި އޮތް ޓޭޒަރ ގަން ދިއްކުރުމުން، ތިން ފަހަރު މަތިން ބަޑި ޖަހާ އަޑު އިވެއެވެ. އެއަށް ފަހު ބްރޫކްސް ބިން މައްޗަށް ތިރިވާ ތަން ފެނެއެވެ.

ސީއެންއެން އިން އިތުރަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި ލިބިފައިވާ އިތުރު ވީޑިއޯއަކުން، ބްރޫކްސް ބިންމަތީގައި އޮތް އިރުވެސް ނޭވާ ލަމުން ދާކަމަށް ބުނާ އަޑު އިވެއެވެ. ބްރޫކްސް ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް އޭނާ ވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ.

މިކަމާއި ގުޅިގެން ވެންޑީސް ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އިއްޔެ އިން ފެށިގެން މުޒާހަރާ ކުރަމުންނެވެ. އެގޮތުން ވެންޑީސް ކައިރިން ފެށި މުޒާހަރާވަނީ ފަހުން އެޓްލާންޓާގެ 75/85 އިންޓަސްޓޭޓް ބަންދުކޮށް، އެމަގު އެއްކޮށް ބަންދުކޮށްފައެވެ. އަދި މިހާދިސާ ހިނގި ވެންޑީސް އާއި ކައިރީގައި ތިބި ބައެއް އުޅަނދު ތަކުގައިވެސް އަލިފާން ރޯކޮށްފައެވެ.

ބްރޫކްސް މާރާލި ފުލުސް މީހާ ވަނީ މިހާރު މަޤާމުން ވަކި ކުރެވިފައެވެ. އަދި އެކަމުގައި އިތުރަށް ބައިވެރިވި ފުލުހަކު ވަނީ އެޑްމިނިސްޓްރޭޓިވް ޑިއުޓީއަށް ބަދަލުކޮށްފައެވެ.