Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

61 ރަށެއްގައި އަޅާ އައުޓްޑޯ ޖިމުތަކަށް ބޭނުންވާ ސާމާނު ގެނެސްފި

ރާއްޖޭގެ 61 ރަށެއްގައި އަޅާ އައުޓްޑޯ ޖިމުތަކަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ 61 ރަށެއްގައި ބެހެއްޓުމަށް އައުޓްޑޯ ފިޓްނަސް އިކުއިޕްމަންޓް ގަތުމަށް އަށް މިލިއަން ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

އެގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ އައުޓްޑޯ ޖިމުތަކަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓެ މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި ބާކީ ހުރި ޝިޕްމެންޓުތައް އައުމުން އޮގަސްޓު މަހުގެ ތެރޭގައި މި ޕްރޮޖެކްޓުގެ މަސައްކަތް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ މަގުސަދަކީ ދުޅަހެޔޮ އާދަތައް އަށަގަންނުވައި ގައިން ގައިން ނާރާ ބަލިތައް މަދުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަންފައިވާ ވައުދާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަސްރަތު ކުރެވޭނެ ނިޒާމުތައް ގާއިމްކުރުމެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ވަނީ މިދިޔަ އަހަރުގެ ތެރޭގައި 6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދީފައެވެ.

ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މިދިޔަ އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.