Last Updated: March 28, 21:27
Thursday, March 28, 2024
ދުނިޔެ

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން 50،000 ކުޑަކުދިން މަރުވެދާނެ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުއިރުމައްޗާއި އުތުރު އެފްރިކާ އިން 50،000 އަށް ވުރެ ގިނަ ކުޑަކުދިން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފް އިން ބުނެފިއެވެ.

އެ ދެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަލިމަޑުކަމުގެ ސަބަބުން މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސިއްހީ ނިޒާމު ނާޒުކު ހާލަތަކާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި އެ ދެ ސަރަހައްދުގައި ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް މަދުވެފައިވީ ނަމަވެސް މި ބަލިމަޑުކަމުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

މިކަން މިގޮތުގައި ކުރިއަށްދާނަމަ މިއަހަރު ނިމޭއިރު އެ ސަރަހައްދުން ފަސް އަހަރުން ދަށުގެ 50،000 އަށް ވުރެ ގިނަ ކުޑަކުދިން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މިކަން މިގޮތަށް މެދުވެރިނުވުމަށް ވެކްސިން ކެމްޕޭންތަކާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރު އަޅަންޖެހޭ ކަމަށް ބުނެފައިވެއެވެ. އެގޮތުން ގިނަ މީހުން އެއްވާ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމާއި، ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.