Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އަލީ ވަހީދު: ކޮވިޑާއި އެކު އަރިއަޅާލި ރާއްޖޭގެ ޓޫރިޒަމް ކޮޅަށް ޖެހުމުގައި!

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ހަލުވި ކަމާއި އެކު މުޅި ދުނިޔެއަށް ފެތުރި، ބިރުވެރިކަން މުޅި ދުނިޔެ ވަށާލިއިރު ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކުގެ ގޮޑު ދޮށުގައި އެތައް ބަޔަކު ދިޔައީ އުފާވެރިކަމާއި އެކު ޗުއްޓީ ހޭދަކުރަމުންނެވެ. އެކަހެރި ކުދި ކުދި ރަށްތަކުގައި ޗުއްޓީ ހޭދަ ކުރަމުން އައި ފަތުރުވެރިންނަކަށް އޭރު އެބިރުވެރިކަމެއް ނެތެވެ.

ނަމަވެސް ކޮރޯނާ ވައިރަސް އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް ހަލުވިކަމާއި އެކު ފެތުރެން ފެށުމާއި އެކު ލަސްތަކެއް ނުވެ ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު ބޮޑުކަން ދަނެ އެކަމަށް އެންމެ ފުރަތަމަ ތެދުވެ މަސައްކަތް ފެށީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.
ބަލީގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު އިހްސާސު ކުރައްވައި، ރާއްޖޭގެ ރައްޔިތުންނާއި، ފަތުރުވެރިން އަދި ރާއްޖޭގައި އިންވެސްޓުކޮށްގެން ތިބި އިންވެސްޓަރުން ހިމާޔަތް ކުރުމަށް އެންމެ ފުރަތަމަ ނިކުންނެވީ ޒުވާން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދޮރާށިން ކޮރޯނާ ވައިރަސް އެތެރެވޭތޯ ސްކޭން ކުރުމަށް ބޭނުންވާ އާލާތް ހޯދައި، އެކަމަށް އަމަލީ މަސައްކަތް ފެއްޓެވިއެވެ. ކޮރޯނާ ވައިރަސް އަކީ އަލަށް މުޅި ދުނިޔޭގައިވެސް ފެތުރެން ފެށި ބައްޔަކަށްވެފައި ބަލި ދެނެގަތުމަށް ދުނިޔޭގެ އެހެން އެއާޕޯޓުތަކުގައި އެޅި ފިޔަވަޅުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެޅިގެން ދިޔައީ ޒުވާން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ދުރު ވިސްނެވުމާ އެކުއެވެ.

ކޮވިޑް-19 އަށް ރައްކާތެރިވުމަށް ރާއްޖެއިން ފިޔަވަޅު އެޅި ނަމަވެސް މާޗު 7 ވަނަ ދުވަހު ވަނީ ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުން ބަލި ރާއްޖެއަށް އެތެރެވުމާއި އެކު މުޅި ރިސޯޓު ލޮކްޑައުންކޮށް، ބަލި ފެތުރުން ހުއްޓުވުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. ސީދާ ޓޫރިޒަމް މިނިސްޓަރގެ ބެއްލެވުމުގެ ދަށުން ރިސޯޓުތަކުން ކިރިޔާވެސް ބައްޔަށް ޝައްކު ކުރެވޭ މީހެއް ފެނިއްޖެ ނަމަ އެކަހެރިކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ދިޔައީ ކުރެވެމުންނެވެ.

ކަރަންޓީނު ފެސިލިޓީތައް ހެދުމުގައި!

 

ކޮވިޑް-19 ރާއްޖެއިން ފެނުމާއި އެކު ދެން އެޅިގެން ދިޔަ އެންމެ ހަރުދަނާ ފިޔަވަޅަކީ ބަލިޖެހޭ މީހުންނަށް ހާއްސަ ކަރަންޓީނު ފެސިލިޓީއެއް ހެދުމުވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ އިސްނެންގުވުމަކަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވިލިވަރު ހެދުމުގެ ހިޔާލާއި އެކު މަސައްކަތުގެ އަމަލީ މައިދާނަށް ނިކުންނެވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

ރާއްޖެ ކަހަލަ ވަސީލަތް މަދުތަނެއްގައި 10 ދުވަހުގެ ތެރޭގައި މިފަދަ ފެސިލިޓީއެއް ހެދުމަކީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް 30 އެނދުގެ ފެސިލިޓީ ނިންމުމުގައި އަލީ ވަހީދު ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ.

ކަރަންޓީނު ކުރުމަށް އިތުރު ފެސިލިޓީ ބޭނުންވެއްޖެނަމަ އެކަން ކުރައްވާނެކަމުގެ ޔަގީންކަން ވެސް އަލީ ވަހީދު އޭރުވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

އެއްތަން ފުރިއްޖެއްޔާ އަނެއްތަނަށް ދެވޭވަރަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މިހާރު ބޭނުންނުކޮށް ހުރި ރިސޯޓުތައް ބޭނުން ކުރަންވެއްޖެ ކަމަށްވާނަމަށް އެކަމަށް ސަރުކާރުން މިހާރު ގެންދަވަނީ ތައްޔާރުވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ރާއްޖެ ބޮއްސުންލައިގެން މިދަނޑިވަޅުގައި ނުދާނެޔޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް ކޮޅަށް ޖެހުމުގައި އިސް ދައުރެއް!

މާޗު 7 ވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19 ފެނުމާއި އެކު ރާއްޖޭގެ ބޯޑަރު މަޑުމަޑުން ބަންދުކުރުމުގެ މަސައްކަތް ފެށުނެވެ. ހެލްތު ޕޮރޮޓެކްޝަން އެޖެންސީގެ އިރުޝާދާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓު ކަމަށްވާ ޗައިނާއިން ރާއްޖެއަށް ސީދާ ފްލައިޓު ތައް ހުއްޓާލެވުނެވެ. އަދި ކޮރެއާ، އިޓަލީ ފަދަ ގައުމުތަކަށް ރާއްޖެ ބަންދުކުރިއެވެ. އެއާއި އެކު ރާއްޖޭގެ އިގްތިސާދު ހީނަރުވާން ފެށިއެވެ. އަދި މުޅި ބޯޑަރު ބަންދު ކުރުމާއި އެކު ޓޫރިޒަމުން ރާއްޖެއަށް ލިބިލިބި ހުރި އާމްދަނީ ހުއްޓި ރާއްޖޭގެ އިގްތިސާދު ހުއްޓުނުވެ. ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު ކުރިމަތިވިއެވެ.

ރިސޯޓު މުވައްޒަފުންގެ ވަޒީފާ ހިމާޔަތްކޮށްދީ، ރިސޯޓު އޯނަރަށް ވަމުން ދިޔަ ގެއްލުން ކުޑަ ކުރުމަށްވެސް ބޮޑު ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ގިނަ ރިސޯޓު މުވައްޒަފުންގެ ވަޒީފާ ހިމާޔަތް ކުރައްވައި، އިންވެސްޓަރުންނަށްވެސް ސަރުކާރުން ލުއިތަކެއް ހޯއްދަވައި ދެއްވިއެވެ. އަދި ފަތުރުވެރިކަމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް އިންޑަސްޓްރީއަށް ހާއްސަ މަސައްކަތް ތަކެއް ފެއްޓެވިއެވެ.

ސޭފް ޓޫރިޒަމް، ނިއު ނޯމަލް ޓޫރިޒަމް ޕްލޭން!

ކޮވިޑް-19 އާއި އެކު އަރިއަޅާލި ރާއްޖޭގެ ޓޫރިޒަމް އަލުން ނަގައި ކޮޅަށް ޖެހުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ ހަ ކުޅި ކުރިއަށް ކުޅެފައެވެ. ކޮވިޑާއި ގުޅިގެން ބަންދު ކުރެވިފައިވާ ރިސޯޓުތައް އަލުން ހުޅުވާލުމުގެ ސޭފް ޓޫރިޒަމް ޕްލޭން އަކީ އޭގެ ހެއްކެކެވެ. ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ތާރީހުތައް ކަނޑައަޅައި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކާއި އެކު ގިނަ މަޝްވަރާތަކެއް ކޮށް ގިނަ މީހުން ބޭނުންވާ ގޮތަށް ރާއްޖެ އަލުން ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޖުލައި 1 ވަނަ ދުވަހުން ފެށިގެން ސުޕަ ޔޮޓްތަކާއި ޕްރައިވެޓް ޖެޓުތަކުގައި ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނެއެވެ. އަދި އޮގަސްޓު މަހުން ފެށިގެން ރިސޯޓުތައް ހުޅުވާލުމަށް ނިންމާފައިވާ އިރު މިހާރުވެސް ގިނަ ބަޔަކު އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރުމަށް ބުކިން ހަދަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އަމާޒަކީ ނިއު ނޯމަލް އާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމެވެ. އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމަކަށް މިނިސްޓަރ އަލީ ވަހީދު ހުންނެވީ ތައްޔާރަށެވެ. އެގޮތުން ރާއްޖެ އިޝްތިހާރު ކުރުމަށް ތައްޔާރު ކުރި ފުރަތަމަ ވީޑިއޯއިންވެސް ފެނިގެން ގޮސްފައިވަނީ މިނިސްޓަރ އަލީ ވަހީދެވެ. ކުޑަ ބަޖެޓަކުން ދައްކާދިނީ ބޮޑު މަންޒަރެކެވެ. އެތައް ފަތުރުވެރިންނެއް ފައި ޖައްސާލަން ބޭނުންވާ ހުދު ދޮންވެލިގަނޑެވެ. އެ ވިލު ނޫކުލައިގެ މޫދެވެ. އެ ފެހި ރުއްތަކެވެ. މި ހިތް ފަސޭހަ ދިވެހި ރާއްޖޭގެ ގޮޑުދޮށެވެ.

.