Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކޯވިޑް-19 ޖެހިގެން މަރުވާ މީހުން މަދު ކުރުމަށް ބޭހެއް ހޯދައިފި

ކޯވިޑް-19 ޖެހިގެން މަރުވާ މީހުން މަދު ކުރުމަށް ބޭހެއް ހޯދިއްޖެ ކަމަށް އިނގިރޭސި ވިލާތުގެ މާހިރުން ހާމަ ކޮށްފިއެވެ.

އެގޮތުން އެޤައުމުގެ މާހިރުންނަށް ހޯދިފައިވާ ގޮތުގައި ޑެކްސަމެތަސޯން ނަމަކަށް ކިޔާ ލޯ-ޑޯޒް ސްޓެރޮއިޑަކީ ކޮރޯނާވައިރަހާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ވަރަށް ބޭނުންތެރި ހަތިޔާރަކަށް ވެގެން ދާނެ ކަމަށް އެޤައުމުން ހާމަ ކޮށްފައިވެއެވެ.

ދުނިޔޭގެ ހުރިހާ ހިސާ ބަކުން ވެސް ފަސޭހަ ކަމާއެކު ލިބޭ ކަމަށް އެޤައުމުން ބުނެފައިވާ މިބޭހަކީ ދުނިޔޭގައި މިހާރު ލިބެން ހުރި ބޭސްތައް ކޯވިޑް-19 އަށް ފަރުވާ ކުރުމަށް ބޭނުން ކުރެވިދާނެ ތޯ ބެލުމަށް ކުރެވޭ އެންމެ ބޮޑު ތަހުލީލުގެ ތެރެއިން ފާހަގަ ކުރެވުނު ބޭހެކެވެ.

އެގޮތުން، ވެންޓިލޭޓަރުގައި ތިބޭ މީހުން ބަލީގައި މަރުވުމުގެ ފުރުސަތު މި ބޭހުގެ އެހީގައި 1/3 އަށް ކުޑަ ކޮށްލެވިދާނެ ކަމަށް އެފަރާތުން ހާމަ ކޮށްފައި ވެއެވެ. އަދި އޮކްސިޖަން ދެވޭ ފަރާތްތައް މަރުވުމުގެ ފުރުސަތު 1/5 ކުޑަ ކޮށްލެވިދާނެ ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.

ސައިންސްވެރިން ހާމަ ކުރާ ގޮތުގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު މިބޭސް ބޭނުން ކުރެވުނު ނަމަ، އިނގިރޭސި ވިލާތުގައި ވެސް 5،000 ހާ މީހުންގެ މީހުންގެ ފުރާނަ ސަލާމަތް ކުރެވުމުގެ ފުރުސަތު އޮންނާނެއެވެ.

ކޯވިޑް-19 ޖެހޭ ކޮންމެ 20 މީހަކުން 19 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމެއް ނެތި ރަނގަޅުވާ މީހުންނެވެ. އަދި އެޑްމިޓް ކުރާ މީހުންގެ ތެރެއިންވެސް ގިނަ މީހުން ފަރުވާ އާއި އެކު ރަނގަޅު ވާއިރު، ބައެއް މީހުންނަށް އޮކްސިޖަން ނުވަތަ ވެންޓިލޭޓަރުގެ އެހީ ބޭނުން ވެއެވެ. އެހެން ކަމުން މި ބޭސް ބޭނުންވާނީ ހަމަ އެކަނި އޮކްސިޖަން ނުވަތަ ވެންޓިލޭޓަރުގެ އެހީ ބޭނުންވާ ފަރާތްތަކަށެވެ.

މިކަމާއި ގުޅިގެން އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ މިއީ އުފަލާއެކު ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެޤައުމުގައި ދެވަނަ ޕީކެއް އައި ކަމުގައި ވިއަސް ބޭނުން ވާ ވަރަށް މި ބޭސް ލިބެން ހުންނާނެ ގޮތް ހަމަޖައްސާފައިވާ ކަމުގެ ޔަޤީންކަން އެޤައުމުގެ ރައްޔިތުންނަށް އަރުވާފައެވެ.

މި ބޭހަކީ އަގު ހެޔޮ ބޭހެއް ކަމުން، ބަލި ބޮޑަށް ފެތުރިފައިވާ ފަޤީރު ޤައުމު ތަކުގައި މި ބޭސް ބޭނުން ކުރުން އުނދަގޫ ކަމަކަށް ނުވާނެ ކަމަށްވެސް އެފަރާތުން ހާމަ ކޮށްފައިވެއެވެ.