Last Updated: April 26, 20:10
Friday, April 26, 2024
ދުނިޔެ

ބެއިޖިންގެ ސްކޫލްތައް ބަންދުކުރަން އަންގައިފި

ޗައިނާގެ ވެރިރަށް ބެއިޖިންގައި ކޮވިޑް-19 ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީ އެ ސިޓީގެ ސްކޫލްތައް ބަންދުކުރަން އަންގައިފިއެވެ.

ބެއިޖިން އިން ޕޮޒިޓިވް ކޭސްތައް ފެންނަން ފަށާފައިމިވަނީ، ކޮވިޑްގެ ކޭހެއް ނުފެންނަތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުންނެވެ. އެގޮތުން މިހާތަނަށް އެ ސިޓީން ވަނީ އަލަށް 106 ޕޮޒިޓިވް ކޭސް ފެނިފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިޔާ އިން ބުނެފައިވާ ގޮތުގައި މާދަމާ އިން ފެށިގެން އެ ސިޓީގެ ޕްރައިމަރީ އަދި ހައި ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން ބެއިޖިންގެ އިމެޖެންސީ ރެސްޕޮންސް ލެވެލް ތިނެކަށް މަތިކޮށްފައިވާއިރު، ޒަރޫރީ ބޭނުމެއް ނެތި ބެއިޖިން އިން ބޭރަށް ނުދިޔުމަށް އަންގާފައިވާ ކަމަށްވެސް މީޑިޔާ އިން ބުނެއެވެ.

އަދި ޒަރޫރީ ބޭނުމެއްގައި ވެސް ބެއިޖިން އިން ބޭރަށްދާ ފަރާތްތައް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށާއި، ބެއިޖިންގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާ ސަރަހައްދުތަކުގައި އުޅޭ ފަރާތްތައް ގެއިން ބޭރަށް ނިކުތުން ވެސް މިހާރު މަނާކޮށްފައިވާ ކަމަށް މީޑިޔާ އިން ބުނެއެވެ.

ބެއިޖިންގައި ވައިރަސް ފެތުރުން ގުޅިފައި ވަނީ އެންމެ ބޮޑު އެއް ހޯލްސޭލް މާރުކޭޓާއެވެ. އެގޮތުން މިހާތަނަށް އެ ސިޓީގެ 11 ފުޑް މާކެޓެއް ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. ވޫހާން އިން ވެސް ދާދިފަހުން ޕޮޒިޓިވް އާ ކޭސްތަކެއް ފެނިފައިވާއިރު، އެ ސިޓީގެ ހުރިހާ އެންމެން މިހާރު ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ.