Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

ޖެހިޖެހިގެން އަށްވަނަ ފަހަރަށް ބަޔާން ލީގު ނަގައިފި

ވާޑަރ ބްރޭމަންގެ މައްޗަށް 1-0 އިން ކުރި ހޯދައި، ޖެހިޖެހިގެން އަށްވަނަ ފަހަރަށް ބަޔާން މިއުނިކުން ޖަރުމަނު ލީގު ކާމިޔާބުކޮށްފިއެވެ.

ބާކީ ދެ މެޗު އޮއްވާ އެ ޓީމުން ލީގު ކަށަވަރުކުރީ 76 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބަޔާން އަށް ވުރެ އެއް މެޗު މަދުން ކުޅެ 66 ޕޮއިންޓާ އެކު އޮތް ބްރޫޝިއާ ޑޯޓްމަންޑަށް ބާކީ އޮތް ތިން މެޗުން މޮޅުވިޔަސް ގިނަވެގެން އެއްކުރެވޭނީ 75 ޕޮއިންޓެވެ.

ބްރޭމަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 43 ވަނަ މިނެޓްގައި ބަޔާން އަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. މިއީ ލީގުގައި ލެވެންޑޯސްކީ ކާމިޔާބުކުރި 31 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފްގައި ވެސް ބަޔާން އަށް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ 79 ވަނަ މިނެޓްގައި ބަޔާންގެ ޒުވާން ފޯވާޑް ޑޭވިސް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ. މިރޭގެ މެޗަކީ ބަޔާން އިން ލީގުގައި ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅެވެ.

ޖެހިޖެހިގެން އަށްވަނަ ފަހަރަށް ބަޔާން އިން ލީގު ކާމިޔާބުކުރިއިރު، މިއީ އެޓީމުގެ ތާރީހުގައި ހޯދި 30 ވަނަ ޖަރުމަނު ލީގު ތަށްޓެވެ.