Last Updated: December 13, 17:38
Friday, December 13, 2024
ސިއްހަތު

ޗައިނާ އިން އުފައްދާ ވެކްސިންގެ ދެވަނަ ކްލިނިކަލް މަރުހަލާގެ ނަތީޖާވެސް ރަނގަޅު

Photo: IC

ކޯވިޑް-19 އަށް ޗައިނާއިން ތައްޔާރު ކުރަމުން އަންނަ ވެކްސިން ތަކުގެ ތެރެއިން އެއް ވެކްސިންގެ ދެވަނަ ކްލިނިކަލް މަރުހަލާ ނިމިއްޖެއެވެ.

އެޤައުމުން ރިޕޯޓު ކުރާ ގޮތުގައި މި ކްލިނިކަލް މަރުހަލާ ނުވަތަ އިންސާނުން ގަޔަށް ވެކްސިން ޖަހައިގެން ކުރިއަށް ގެންދިޔަ ދެވަނަ މަރުހަލާގެ ނަތީޖާތައް ވަރަށް އުންމީދީއެވެ. އެގޮތުން މި ވެކްސިން އަކީ ރައްކާތެރި، އަދި ބޭނުންތެރި ވެކްސިނެއް ކަން މިހާތަނަށް ހޯދުނު ހޯދުން ތަކުން އެނގިފައިވާ ކަމަށް އެޤައުމުން ވަނީ ހާމަ ކޮށްފައެވެ.

ކްލިނިކަލް މަރުހަލާއަށް ހުއްދަ ދެވިފައިވާ ފުރަތަމަ އިންއެކްޓިވޭޓެޑް ވެކްސިން ތައްޔާރު ކުރާ ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕުން ބުނި ގޮތުގައި މި މަރުހަލާގައި ބައިވެރިވި 1،120 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިން ސީރިއަށް ސައިޑް އިފެކްޓް ނުވަތަ ނޭދެވޭ އަސަރެއް ފެނިފައި ނުވެއެވެ.

އެފަރާތުން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވާ ގޮތުގައި ވެކްސިން ދިން ހުރިހާ ފަރާތެއްގެ ހަށިގަނޑުގައިވެސް ވަރަށް ގިނަ އެންޓިބޮޑީ އުފެދިފައި ހުރި ކަން ފާހަގަ ކުރެވުނު ކަމަށާއި، މިކަމުން ވެކްސިންގެ ބޭނުންތެރިކަން ހާމަ ވެގެންދެއެވެ.

މި މަރުހަލާ ފެށުނީ ހެނަން ގެ ވޫޒީ ކައުންޓީގައި، އެޕްރީލް 12 ވަނަ ދުވަހުއެވެ. އަދި މަރުހަލާގެ ބައިވެރިންނަށް ވެކްސިން ދެވުނީ އެކި ގްރޫޕްތަކަށް ބަހާލެވިގެން، 14، 21، އަދި 28 ދުވަހުގެ އިންޓަވަލް ތަކެއްގައި އެކި ޑޯޒުތަކަށެވެ. އަދި މި މަރުހަލާގައި ބައިވެރިވި ހުރިހާ ބައިވެރިންނަކީ 18 އަހަރާއި 59 އަހަރާއި ދެމެދުގެ މީހުންނެވެ. ހުރިހާ ބައިވެރިންގެ ސިއްޙަތު ރަނގަޅު ކަމަށާއި، ކޮންމެ ބައިވެރިއަކަށް ވެސް ވެކްސިންގެ ދެ ޝޮޓު ދެވިފައިވާ ކަމަށް އެފަރާތުން ހާމަ ކުރިއެވެ.

އެކުންފުނިން އިތުރަށް ހާމަ ކުރި ގޮތުގައި މި ވެކްސިންގެ ނަތީޖާއަކީ މިހާތަނަށް ޗައިނާގައި ޓެސްޓު ކުރެވޭ ހުރިހާ ވެކްސިނަކާއި އަޅާ ބަލާއިރު، އެންމެ ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ވެކްސިން އެވެ.

އެކުންފުނިން މިހާރު ދަނީ މި ވެކްސިންގެ ތިން ވަނަ ކްލިނިކަލް މަރުހަލާ ފެށުމުގެ މަސައްކަތް ކުރަމުންނެވެ.