Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ފަތުރުވެރި ކަމުގެ ދާއިރާއިން ހިލޭ ކިޔެވޭ ކޯހެއް ޖޮބްސިކްލް އިން ތައާރަފު ކޮށްފި

ފަތުރުވެރި ކަމުގެ ދާއިރާއަށް އަލަށް ވަންނަން ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒު ކޮށްގެން ކޯހެއް ހިނގުމަށް ޖޮބްސިކްލް އިން ނިންމައިފިއެވެ.

ހިލޭ ކިޔެވޭ މި ކޯހަކީ ދާއިރާ އާއި ގުޅުން ހުރި ޖަމްޢިއްޔާތަކާއި، މެނޭޖަރުންނާއި ފެސިލިޓޭޓަރުންގެ އިތުރުން ކަމާއި ގުޅުން ހުރި އެކި ފަރާތްތަކުގެ އެހީއާއި އެކު ކުރިއަށް ގެންދެވޭ ކޯހެކެވެ.

3 މަސް ދުވަހަށް ކުރިއަށް ގެންދެވޭ މި ކޯހުގައި ޖުމްލަ 22 މޮޑިއުލް ކިޔަވައި ދެވޭނެއެވެ. އަދި ކޯހުގައި ދާއިރާގެ 21 ފެސިލިޓޭޓަރުން ހަރަކާތްތެރިވާނެއެވެ. ކޯހުގެ މޮޑިއުލް ތަކުގެ އިތުރުން އިންޓަވިއު އަދި ޕްރޮފައިލިންގް ގައިވެސް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސް ކިޔަވައި ދިނުމަށް ބޭނުން ކުރެވޭ ޕްލެޓްފޯމަކީ ސްކްރީން ވިއު ޓައިމިންގ ބެލޭ، ޓެކްނޮލޮޖީއެކެވެ. އެހެން ކަމުން ބައިވެރިންގެ ހާޒިރީއާއި ބައިވެރި ވުން ކޯހުގައި ބެލެހެއްޓިގެން ދާނެއެވެ.

މިކޯހަށް ނަން ނޯޓުކުރުން މިހާރު ވަނީ ހުޅުވާލެވިފައެވެ. ނަން ނޯޓު ކުރުން ކުރިއަށް ގެންދަނީ ޖޮބްސިކްލްގެ ވެބްސައިޓް، www.jobsicle.mv މެދުވެރިކޮށެވެ. އަދި އިންސްޓިޓިއުޝަން، ރިސޯޓު، ކުންފުނި ނުވަތަ ރަށްތަކުން ގްރޫޕެއްގެ ގޮތުގައި ބައިވެރިވާން ބޭނުން ނަމަ، އެފުރުސަތު ވެސް ވަނީ ހުޅުވާ ލެވިފައެވެ.

މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސެސް ޕްރޮފެޝަނަލްސް އިން އެންޑޯސް ކޮށްގެން ކުރިއަށް ގެންދެވޭ ކޯހެކެވެ.