Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

އާސެނަލް އަތުން ސިޓީއަށް ފަސޭހަ މޮޅެއް

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 3-0 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ދެވަނައިގައި ސިޓީ މިހާރު އޮތީ 60 ޕޮއިންޓާ އެކުއެވެ. 40 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައި އާސެނަލް އޮތްއިރު 82 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ.

ސަޕޯޓަރުންނާއި ނުލައި ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަހީމް ސްޓާލިން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކެވިން ޑެ ބްރައިނާ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އެ ފައުލާއި ގުޅިގެން ލުއިޒް އަށް ރަތްކާޑު ދެއްކިއިރު، އޭނާ މި މެޗުގައި ކުޅެން އަރާފައިވަނީ ފުރަތަމަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސިޓީގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ފިލް ފޮޑެންއެވެ. މި ގޯލަށްފަހު ސާޖިއޯ އަގުއެރޯ އަށް ވަނީ ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ސިޓީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ބްރައިޓަންއާ އެވެ. ސިޓީ ނިކުންނާނީ ބާންލީ އާއި ދެކޮޅަށެވެ.