Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޔުވެންޓަސް ބަލިކޮށް އިޓާލިއަން ކަޕް ނަޕޯލީން ކާމިޔާބުކޮށްފި

ޕެނަލްޓީގައި 4-2 އިން ޔުވެންޓަސް ބަލިކުރުމަށްފަހު އިޓާލިއަން ކަޕް ނަޕޯލީން ކާމިޔާބުކޮށްފިއެވެ.

ސްޓޭޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެގޮތުން ދެ ޓީމަށް ވެސް ގޯލްޖަހަން ލިބިފައިވަނީ މަދު ފުރުސަތުތަކެއް ކަމަށްވާއިރު މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ނަޕޯލީންނެވެ.

އެގޮތުން ނަޕޯލީގެ ލޮރެންޒޯ އިންސިންޔޭ ފޮނުވާލި ހިލޭޖެހުމެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ޑިއޭގޯ ޑެއްމޭ އާއި މަކްސިމޯވިޗް ފޮނުވާލި ހަމަލާތައް ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ގޯލެއް ކާމިޔާބު ކުރެވިފައި ނުވުމުން، ނަތީޖާ ނެރުމަށް ދެން ދިޔައީ ޕެނަލްޓީ އަށެވެ. އެގޮތުން ޕެނަލްޓީގައި ޑިބާލާ ފޮނުވާލި ޕެނަލްޓީ ނަޕޯލީގެ ކީޕަރު ދިފާއުކުރިއިރު، ޑެނީލޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ޕެނަލްޓީގައި ނަޕޯލީން ޖެހި ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުކުރިއިރު، މި މެޗުން އެޓީމު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިލިކް އެވެ.

މިއީ 2014 ވަނަ އަހަރަށްފަހު ނަޕޯލީން ކާމިޔާބުކުރި ފުރަތަމަ ތަށިކަން ފާހަގަކޮށްލެވެއެވެ.