Last Updated: April 20, 07:18
Saturday, April 20, 2024
މީހުން

ޑެނީ މާސްޓަންއަށް ރޭޕްގެ ދައުވާ އުފުލައިފި

މަޝްހޫރު ޓީވީ ޝޯ، 'ދެޓް ސެވެންޓީސް ޝޯ' ގެ ތަރި، ޑެނީ މާސްޓަސަންއަށް ރޭޕްގެ ދައުވާ އުފުލައިފިއެވެ.

ލޮސް އެންޖެލެސް ކައުންޓީ ޑިސްޓްރިކްޓް އެޓާނީ، ޖެކީ ލޭސީ ބުނެފައިވަނީ މާސްޓަސަން ވަނީ ބުދަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ކަމަށެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ މިނިވަން ވެފައިވާއިރު 3.3 މިލިއަން ޑޮލަރު ވަނީ ދައްކާފައި ކަމަށް އޭނާ ބުނެފައިވެއެވެ.

މާސްޓަސަންގެ މައްޗަށް ކުރަނީ ގަދަކަމުން 3 މީހަކު ރޭޕް ކުރި ކަމުގެ ދައުވާއެވެ. މިއީ 2001 އާއި 2003 އާ ދެމެދު އޭނާ ތިން ޒުވާން އަންހެނުން ރޭޕް ކުރި މައްސަލާގައި އުފުލާފައިވާ ދައުވާތަކެވެ.

އުމުރުން 23 އަހަރުގެ އަންހެނަކު، 2001 ވަނަ އަހަރު ރޭޕްކުރިކަމުގެ ތުހުމަތު އޭނާއަށް ކޮށްފައިވާއިރު، 2003 ގައި 28 އަހަރުގެ އަދި 23 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުވެސް ހޮލީވުޑް އެކްޓަރަށް އިދާރާތަކުން ކޮށްފައިވެއެވެ. މި ތިން ހާދިސާވެސް ހިނގާފައިވަނީ މާސްޓަސަންގެ ހޮލީވުޑް ހިލްސް ގޭގައި ކަމަށް ޑިސްޓްރިކްޓް އެޓާނީގެ ޕްރެސް ރިލީސްގައި ބުނެފައިވެއެވެ.

މާސްޓަސަން ގެ ވަކީލު ވަނީ އޭނާގެ މުވައްކިލާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް ދޮގުކޮށްފައެވެ. އަދި ދައުވާތަކުން މާސްޓަސަން ބަރީއަ ވާނެ ކަމަށާއި އެކަން ކުރެވޭނެ ހެކިތަކާއި ހެކިވެރިން އެބަތިބި ކަމަށް އޭނާ ބުނެފައިވެއެވެ.

ނުވަދިހައިގެ އަހަރު ތަކުގައި މަޝްހޫރުވި 70ސް ޝޯ އިން މަގުބޫލުކަން ހޯދި މާސްޓަސަން ވަނީ ނެޓްފްލިކްސް ސީރީސް، ދަ ރޭންޗް އިން ވެސް ކުރީގެ އެކުގައި މަސައްކަތް ކުރި ތަރި، އެޝްޓަން ކުޗާއާ އެކު މަސައްކަތް ކޮށްފައެވެ.