Last Updated: April 20, 17:52
Saturday, April 20, 2024
ކުޅިވަރު

ފާނަންޑޭސްގެ ގޯލުން ޔުނައިޓެޑް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ 46 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ޓޮޓެންހަމް އޮތީ 42 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 27 ވަނަ މިނެޓްގައި އެޓީމުގެ ފޯވާޑްލައިން ވަރުގަދަ ކުރުމަށް މިދިޔަ ޖެނުއަރީ މަހު ގެނައި ނެދަލޭންޑްސްގެ ފޯވާޑް ސްޓީވެން ބާގްވެއިން ވަނީ ޓޮޓެންހަމް އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސޮން އަށް ޓޮޓެންހަމްގެ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑްގެ ހުނަރުވެރި މިޑްފީލްޑަރު ޕޯލް ޕޮގްބާ ކުޅެން އެރިއިރު، މި ހާފުގައި ޔުނައިޓެޑުން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ޓޮޓެންހަމްގެ ފަހަތަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. އެގޮތުން 81 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފާނަންޑޭސް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު މެޗުގެ ފަހު މިނެޓްގައި ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ލީގުގައި ޔުނައިޓެޑް އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާއެވެ. އަދި އަންނަ އަންގާރަ ދުވަހުގެރޭ ޓޮޓެންހަމް ނިކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ.