Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ބްރެޒިލް އިން އެއް ދުވަހުން 50،000 މީހުން ޕޮޒިޓިވް

ބްރެޒިލް އިން މިދިޔަ 24 ގަޑިއިރުތެރޭގައި އެކަނި 50،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި އިއްޔެ އެކަނި އެގައުމުން ވަނީ 54،771 މީހުން ބައްޔަށް ޕޮޒިޓިވްވެ، 1206 މީހުން މަރުވެފައެވެ. އިއްޔެ އަކީ އެއް ދުވަސްތެރޭ ބްރެޒިލް އިން އެންމެ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

މި އަދަދުތަކާއެކު ބްރެޒިލް އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ އެއް މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 48،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ބްރެޒިލް މިހާރު ވެފައިވަނީ މުޅި ދުނިޔެ އިން ވެސް ދެވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި ގައުމަށެވެ. މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިންނެވެ.

ބްރެޒިލްގެ ހާލަތު ގޯސްވަމުންދާއިރު ކޮވިޑާއި ގުޅިގެން ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ގެންގުޅޭ ދޯހަޅި ސިޔާސަތުތަކަށް އެގައުމުގެ ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ކޮވިޑްގެ މި ހާލަތުގެ ތެރޭގައި ބްރެޒިލްގެ ހެލްތު މިނިސްޓަރުގެ މަގާމުން ދެ ބޭފުޅަކު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.