Last Updated: May 8, 20:35
Wednesday, May 8, 2024
ދުނިޔެ

ބޯލްޓަންގެ ފޮތް ނެރުން ހުއްޓުވަން ޓްރަމްޕްގެ ސަރުކާރުން ކުރި މަސައްކަތް ފެނަށް

އެމެރިކާގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ލިޔުއްވި ފޮތް ނެރުން ހުއްޓުވަން އެމެރިކާގެ ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

މި ފޮތް ނެރުން ހުއްޓުވަން ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓަށް މައްސަލަ ވެއްދީ އެ ފޮތުގައި ސިއްރު މައުލޫމާތުތައް ހިމަނާފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން މިއަދު މި މައްސަލައިގައި ނިންމި ނިންމުގައި ވަނީ މި މައްސަލައިގައި ޖަސްޓިސް ޑިޕާޓްމެންޓުން ދައްކާފައިވާ ވާހަކަތަކަކީ މި ފޮތް ނެރުން ހުއްޓުވަން އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށް ބުނެފައެވެ. އަދި މިހާރުވެސް މި ފޮތުގެ ބައެއް މުހިއްމު ބައިތައް އިންޓަނެޓުގައި އާންމުވެފައިވާކަން ވެސް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

"ދަ ރޫމް ވެއާ އިޓް ހެޕަންޑް" ގެ ނަމުގައި ބޯލްޓަން ލިޔެފައިވާ ފޮތް ނެރެން ހަމަޖެހިފައި ވަނީ މި މަހު 23 ގައެވެ. ބޯލްޓަން މި ފޮތް ލިޔުއްވީ އޭނާ އާއި ޓްރަމްޕާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ.

މި ފޮތުގައި ވަނީ ހިމެނޭ ބައެއް ބައިތައް މިހާރުވެސް އާންމުވެފައިވާއިރު، އޭގެތެރޭގައި މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޗައިނާގެ ރައީސްގެ ކިބައިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހީއަށް އެދުނު ކަމަށް ބުނާ ވާހަކަވެސް ހިމެނެއެވެ.

ޓްރަމްޕް ވަނީ އެ ފޮތުގައި ލިޔެފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ ބޯލްޓަން އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.