Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ގަމަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމާފައެއް ނުވޭ: ސްރީލަންކަން

‎ސްރީލަންކަން އެއަރލައިންސް ގެ ދަތުރުތައް ގަމަށް ހުއްޓާލުމަށް ނިންމާފައި ނުވާ ކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

‎"އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ސްރީލަންކަން އެއަރލައިންސްގެ ފަރާތުން ގަމަށް ހާއްސަ ކޮށްފައިވާ އޭރިއާ މެނޭޖަރ ނަޔޯމީ ޓެންނަކޫން ވިދާޅުވީ ގަމަށް ކުރާ ދަތުރުތައް ހުއްޓާލުމާއި މެދު އެ އަރލައިނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ މަޝްވަރާތައް އަދިވެސް ދަނީ ކުރެވެމުން ކަމަށެވެ.

‎ނަޔޯމީ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އޮތް ގޮތުން ސްރީލަންކަން އިން ކަމަށް ކުރާ ފްލައިޓްތަކުގެ ޝެޑިއުލް ކެންސަލް ކުރެވިފައިވަނީ ހަމަ އެކަނި ޖުލައި މަހުގެ ނިޔަލަށެވެ.

‎މިކަމާއި ގުޅުން ހުރި މަޝްވަރާތައް ކުރެވެމުން ދިޔަ ނަމަވެސް، ނަޔޯމީ ވިދާޅުވީ އައްޑޫ އާއި ހުވަދު އަތޮޅުގެ ރަށްތައް އެތެރޭގެ އުދުހުންތަކުން ގުޅިފައިވާ މިންވަރު ރަނގަޅު ކުރުން ވަރަށް މުހިންމު ކަމަށެވެ. ސަބަބަކީ ކެނަރީފް ރިސޯޓުވެސް 2 އަހަރަށް ބަންދުކުރަން ނިންމާފައި ވުމުން، ސްރީލަންކަންގެ ކެޕޭސިޓީއަށް އެކަމުން ވަރަށް ބޮޑަށް އަސަރު ކުރުމެވެ. އެހެން ކަމުން، މިކަން ރަނގަޅު ކުރުމަށް އައްޑޫ އާއި އެހެން ހުވަދޫގެ ރަށް ތަކާއި ދެމެދު އޮންނަ ކަނެކްޓިވިޓީ ރަނގަޅު ކުރަން ޖެހޭ ކަމަށް ނަޔޯމީ ފާހަގަ ކުރެއްވިއެވެ.

‎2016 ވަނަ އަހަރުގެ ޑިސެމްބަރ މަހު އައްޑޫ އަށް ދަތުރު ފެށި ސްރީލަންކަން އެއަރލައިންސް އަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ ހަމައެކަނި އިންޓަރނޭޝަނަލް އެއަރލައިންއެވެ.