Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ސޮސިއެޑާޑް ބަލިކޮށް ރެއާލް އެއްވަނައަށް

ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-1 އިން ކުރި ހޯދައި، ސްޕެނިޝް ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 65 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ރެއާލް އެއްވަނައިގައި އޮތީ ހެޑް-ޓު-ހެޑް އިން ކުރި ލިބޭތީ އެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ސާޖިއޯ ރާމޯސް ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ސޮސިއެޑާޑްގެ ހަމައެކަނި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިކޭލް މެރީނޯއެވެ.

ލީގުގައި ބާކީ އޮތީ އަށް މެޗު ކަމަށްވާއިރު 2012 ވަނަ އަހަރަށްފަހު ރެއާލް އަށް ލީގު ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ.

ލީގުގައި ރެއާލް އަންނަ ބުދަ ދުވަހުގެރޭ ނިކުންނާނީ މަޔޯކާއާ ދެކޮޅަށެވެ. ދެވަނައިގައި އޮތް ބާސާ މާދަމާ ރޭ ނިކުންނާނީ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.