Last Updated: May 1, 20:45
Wednesday, May 1, 2024
ވިޔަފާރި

ބީއެމްއެލް އިން 4 ރަށެއްގައި އޭޓީއެމް ބަހައްޓަނީ

ބޭންކް އޮފް މޯލްޑިވްސް އިން 4 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގައި އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމްއެވެ. ބޭންކިންގ ވިއުގަ ފުޅާކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށް ބަލާއިރު ކުރިއަތް އޮތް މަސްތަކުގެތެރޭގައި އިތުރު ސެލްފް ސަރވިސް އޭޓީއެމް ގާއިމްކުރުމާއި ބޭންކިންގ ހިދުމަތްތައް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މި އޭޓީއެމްތަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ބޭންކިންގ ޚިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން މުހިންމު އިންވެސްޓްމަންޓްތައް ކުރަމުންދާ ކަމަށެވެ.

"ކޮވިޑް އާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އޭގެ ދަތިތަކާ ކުރިމަތިލާން
ޖެހުނު. އެހެން ނަމަވެސް މިހާރުމިވަނީ އޭޓީއެމްތައް އަޅުނގަޑުމެންނާ ހަމަޔަށް ލިބިފަ. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ މިރަށްތަކަށް އޭޓީއެމް ގެންދިޔުމުގެ މަސައްކަތް. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށްއޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިމިގެންދާނެކަމަށް" އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ހާމަކުރެއެވެ.