Last Updated: April 25, 20:50
Thursday, April 25, 2024
ދުނިޔެ

ހައްޖުގައި މިފަހަރު ބައިވެރިވެވޭނީ ސައުދީގައި އުޅޭ މީހުންނަށް އެކަނި

ހައްޖުގެ އަޅުކަމުގައި މިފަހަރު ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި އުޅޭ މީހުންނަށް އެކަނި ކަމަށް އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން މިރޭ ނިންމައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިފަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ސައުދީގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ ވަކި އަދަދެއްގެ މީހުންނާއި އެކީގައި ކަމަށެވެ.

މި ނިންމުން މިގޮތަށް ނިންމީ ކޮވިޑް-19 ގެ މި ހާލަތުގައި ހައްޖުގެ އަޅުކަން ސިއްހީ ގޮތުން ރައްކާތެރިކަމާއެކީ އަދާކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ މި ނިންމުމާއެކު ހައްޖަށް މިފަހަރު ގައުމުތަކުން މީހުން ސައުދީ އަށް ގެންދިޔުން މިހާރު ވަނީ މަނާވެފައެވެ. މިއީ މިފަދަ ގޮތަކަށް ހައްޖުގެ އަޅުކަން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

ސައުދީން މި ނިންމުމުން ނިންމުމުގެ ކުރިން ވެސް ކޮވިޑްގެ ބިރަށް ބައެއް ގައުމުތަކުން ވަނީ ހައްޖަށް މިފަހަރު މީހުން ނުފޮނުވަން ނިންމާފައެވެ.

ސައުދީގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ނުރައްކާ އަދިވެސް ބޮޑުވެފައިވާއިރު، އެގައުމުން މިހާތަނަށް ވަނީ މި ބައްޔަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ. މި ބަލީގައި 1000 އަށް ވުރެ ގިނަ މީހުން ސައުދީން މަރުވެފައިވާއިރު، 4،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.