Last Updated: March 29, 02:52
Thursday, March 28, 2024
ކުޅިވަރު

ސިޓީ މޮޅުވިއިރު ފޮޑެން ވިދާލައިފި

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން 5-0 އިން ބާންލީގެ މައްޗަށް ކުރި ހޯދިއިރު، ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޮޑެން ވިދާލައިފިއެވެ.

މި މޮޅާއެކު ލީގުގެ ދެވަނައިގައި ސިޓީ މިހާރު އޮތީ 63 ޕޮއިންޓާ އެކުއެވެ. ބާންލީ އޮތީ 39 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 83 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 22 ވަނަ މިނެޓްގައި އުމުރުން 20 އަހަރުގެ ފޮޑެން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. މެޗުގެ 43 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ރިޔާދް މަހްރޭޒް ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން ސިޓީގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ މަހްރޭޒް އެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ޑޭވިޑް ސިލްވާ ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، މެޗުގެ 63 ވަނަ މިނެޓްގައި އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފޮޑެން އެވެ.

ރޭގެ މެޗަށްފަހު ފޮޑެން އަށް ތައުރީފުކޮށް ވާހަކަދައްކަމުން ޕެޕް ގާޑިޔޯލާ ބުނީ މި ސީޒަނަށްފަހު ޑޭވިޑް ސިލްވާ ދޫކޮށްލަން ހަމަޖެހިފައިވާއިރު، ސިލްވާ ނެތްތަން ފޫބައްދާނެ ކުޅުންތެރިއަކީ ފޮޑެން ކަމަށެވެ. އެގޮތުން ފޮޑެން އަކީ ތަފާތު ކަމެއް ސިޓީއަށް ގެނެސްދޭ ކުޅުންތެެރިއެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އޭނާ އަކީ ސިޓީއަށް ވަރަށް މުހިއްމު ކުޅުންތެރިއަކަށް ވާނެ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.