Last Updated: March 29, 17:30
Friday, March 29, 2024
ދުނިޔެ

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 10،000 މީހުންނަށް

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ގާތްގަނޑަކަށް 10،000 މީހުންނަށް ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ.މުހައްމަދު ސަލާހު ވިދާޅުވެއްޖެއެވެ.

ހައްޖުގެ އަޅުކަމުގައި މިފަހަރު ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި އުޅޭ މީހުންނަށް އެކަނި ކަމަށް އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިފަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ސައުދީގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ ވަކި އަދަދެއްގެ މީހުންނާއި އެކީގައި ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ވިދާޅުވީ ހައްޖުގެ އަޅުކަމުގައި މިއަހަރު ބައިވެރި ކުރާނެ މީހުންގެ އަދަދު އަދި މުޅިން ފައިނަލް ނުވާ ކަމަށާއި ނަމަވެސް އެ އަދަދު 10،000 އަށް ވުރެ މަތި ނުވާނެ ކަމަށެވެ.

ނަމަވެސް ހައްޖުގެ އަޅުކަމުގައި ބައިވެރި ކުރާނެ މީހުން ކަނޑައެޅުމުގެ ކަންކަން ކުރިއަށްދާނެ ގޮތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދީގެ ހެލްތު މިނިސްޓަރު ޑރ.ތައުފީގު އަލް ރާބިޔާ ވިދާޅުވީ ހައްޖުގެ އަޅުކަމުގައި އުމުރުން 65 އަހަރުގެ މީހުންނަށާއި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

އަދި ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ކޮވިޑް-19 އަށް ހައްޖާޖީން ޓެސްޓު ކުރާނެ ކަމަށާއި، އަދި ކޮންމެ ދުވަހަކުވެސް ހައްޖާޖީންގެ ސިއްހީ ހާލަތު މޮނީޓާ ކުރާނެ ކަމަށް ރާބިޔާ ވިދާޅުވިއެވެ. ހައްޖުގެ އަޅުކަން ކުރިއަށްދާނީ ގައިދުރުކަމަށް އިސްކަންދީގެން ކަމަށްވާއިރު ހައްޖުގެ ތެރޭގައި ދިމާވާ އެމެޖެންސީތަކަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް ތައްޔާރު ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ހައްޖުގެ އަޅުކަމަށްފަހު އެންމެން ވެސް ގޭގައި ކަރަންޓީނު ވާން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަކި އަދަދަކަށް މީހުން ހިމަނައިގެން ހައްޖުގެ އަޅުކަން މިފަހަރު ކުރިއަށް ގެންދާއިރު، ހައްޖުގެ އަޅުކަމުގައި މީގެކުރިން ކޮންމެ އަހަރަކު 2.5 މިލިއަން ބައިވެރިވެއެވެ.