Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

މެމްބަރު ކަމަށް ކުރިމަތިލުމަށް ތައުލީމީ ވަކި ފެންވަރެއް ހިމަނަން ތާއީދު: އަސްލަމް

މުހަައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ތައުލީމީ ވަކި ފެންވަރެއް ހުންނަން ޝަރުތު ކުރަން ތާއީދުކުރައްވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެމްބަރަކަށް ވުމަށް ތައުލީމީ ވަކި ޝަރުތެއް ހުންނަން މިހާރު ނުޖެހޭއިރު، ބައެއް ފަރާތްތަކުން އަންނަނީ އެހެން ވަޒީފާތަކުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމީ ވަކި ފެންވަރެއް ހުންނަން ހިމަނާފައިވާ ގޮތަށް މެމްބަރު ކަމަށް ކުރިމަތިލާއިރު ވެސް އެފަދަ ޝަރުތެއް ހިމަނަން ލާޒިމުކުރަން ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ އެކަމަކީ ބަހުސް ކުރެވިދާނެ ކަމެއް ކަމަށާއި ގާނޫނު އަސާސީ އެކުލަވާލެވުނުއިރު ވިސްނުން އޭރު ހުރީ ރައްޔިތުން ވޯޓުން އިންތިހާބުކޮށްފައި ދައްކާނީ ރައްޔިތުންގެ ބަސް ބުނާނެ މީހާ ކަމަށެވެ.

"ގާނޫނު އަސާސީ އޭރު އެކުލަވާލެވުނުއިރު، ވިސްނުން އައީ ރައްޔިތުން ނިންމާފައި ދައްކާނީ ރައްޔިތުންގެ ބަސް ބުނާނެ މީހާއޭ. އަދި ކޮންމެ މަގާމަކަށް ސިޔާސީ ބަސް ބުނުމަކީ އަދި އެކަމުގައި ސިޔާސީ ގޮތުން ދައްކާ ވާހަކައަކީ ފަންނީ ވާހަކައަކަށް ވާކަށް ނުޖެހެއޭ" އަސްލަމް ވިދާޅުވިއެވެ.

އަދި މަޖިލީހުގެ ކޮމިޓީތަކުގައި ޓެކްނިކަލް ބޭފުޅުން ވެސް ތިއްބަވާ ކަމަށާއި ނަމަވެސް ގާނޫނު އަސާސީ އަށް ބަދަލެއް ގެނެވޭނަމަ މެމްބަރު ކަމަށް ކުރިމަތިލުމަށް ތައުލީމީ ޝަރުތެއް ހިމަނަން ތާއީދުކުރައްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ގާނޫނު އަސާސީ އަށް ބަދަލެއް ގެނެވޭ ކަމުގައި ވަނީނަމަ، އަޅުގަނޑު ހަމަ ފުރިހަމައަށް ތާއީދު ވަކި ކޮލިފިކޭޝަނެއް ލުން. އެއީ އަޅުގަނޑުގެ އަމިއްލަ ވާހަކައެއް" އަސްލަމް ވިދާޅުވިއެވެ.