Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސިޔާސީ މައިދާނަށް ވަހީދު ވަޑައިގަތުމުން ނަޝީދު ބިރުގެންފި

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ސިޔާސީ މައިދާނަށް އެނބުރި ވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބިރުގަނެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓާއި ގުޅުވައި ވަހީދަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީ މެމްބަރުން ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އަދި މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ވައްޓާލީ ތެލުގެ ވަގު ވިޔަފާރީއާ ބެހޭ ރިޕޯޓު އާންމުކުރަން ތައްޔާރުވެފައި އޮތް ދުވަހު ކަމަށް ވިދާޅުވެފައެވެ.

މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޔާމީންއާ ގުޅުވައި ދެކެވޭ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ވާހަކައަކީ އެމްޑީޕީން އުފަން ކުރުވައިގެން އުޅޭ ވާހަކައެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އަދި މި މައްސަލަ އުފަންކޮށްގެން ނަޝީދު މަސައްކަތް ކުރެއްވީ ވައްކަން ކުރެވޭތޯ ކަމަށާއި ޔާމީން އާއި 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީއާ ގުޅުވޭނެ އެއްވެސް ހެއްކެއް ނުހޯދުނުކަން އޭރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"މިހާރު ތިވެގެން އުޅޭ ގޮތަކީ ޑރ.ވަހީދު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރައްވަން، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އަދި ސިޔާސީ ގޮތުން އަޅުގަނޑުމެންނާ އެއްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަން ނިންމި ނިންމުމާ ގުޅިގެން އެއްގޮތަކަށް ނިދި ނައިސްގެން ތި އުޅެނީ. ވަރަށް ބޮޑަށް ބިރުގެންފި ވަހީދު ދެކެ" އަދުރޭ ވިދާޅުވިއެވެ.

ވަހީދު ދެކެ ހަގީގަތުގައި ވެސް ނަޝީދު ވަރަށް ބިރު ގަންނާނެ ކަމަށާއި މިހާރު ކުރަމުންދާ ކަންކަމަކީ ވަހީދުގެ އަގުވައްޓާލައި އަނެއްކާވެސް ޔާމީންއާ ގުޅުވައިގެން ވާހަކަތަކެއް ދެއްކުމުގެ މަގުސަދުގައި ދައްކާ ވާހަކަތަކެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.