Last Updated: March 28, 18:00
Thursday, March 28, 2024
ކުޅިވަރު

ލިވަޕޫލް ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި

4-0 އިން ކްރިސްޓަލް ޕެލެސް ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ލިވަޕޫލް އިން ޖެހިލައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 86 ޕޮއިންޓާ އެކުއެވެ. ލީގު ހޯދުމަށް ލިވަޕޫލަށް މިހާރު ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. ނަމަވެސް މިރޭ ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުން ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް މޮޅު ނުވެވުނަސް ލިވަޕޫލަށް ލީގު ލިބޭނެއެވެ.

ލިވަޕޫލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނެޓްގައެވެ. ލިވަޕޫލަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ އާނޯލްޑްއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ފަބީނިއޯގެ ހިތްގައިމު ގޯލާއެކު ލިވަޕޫލް އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ފަބީނިއޯ މި ގޯލު ކާމިޔާބުކުރީ ޕެލެސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ލިވަޕޫލްގެ ފަހު ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާނޭއެވެ.

ލީގު ހޯދުމާއި ފިޔަވަޅަކާ ގާތަށް ލިވަޕޫލުން ޖެހިފައިވާއިރު، މިއީ 30 އަހަރުގެ ތެރޭގައި އެޓީމުން ކާމިޔާބުކުރާ ފުރަތަމަ ލީގު ތަށްޓައް ވެގެންދާނެއެވެ.

މީގެއިތުރުން ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ފަސޭހަކަމާއެކު 3-0 އިން ކުރި ހޯދައި ލީގުގެ ހަތަރުވަނަ އަށް އެރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައެވެ. މި މެޗުގައި ޔުނައިޓެޑްގެ ތިން ގޯލުވެސް ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލްއެވެ.

މި މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ 49 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ލީގުގެ ހަތަރުވަނައިގައި އޮތް ޗެލްސީ އާއި ޔުނައިޓެޑާއި ދެމެދު މިހާރު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.

ލީގުގައި ޗެލްސީ އާއި ސިޓީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން 12:15 ގައެވެ.