Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ފުރިހަމައަށް އަރާމު ކުރާނީ ޔާމީން ވެރިކަމަށް ގެނައުމަށްފަހު: ޖަމީލު

ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމުގެ މަގާމަށް ގެނައުމަށްފަހު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު މިރޭ ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ އަލުން އެނބުރި ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ އޭނާ ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް ޔާމީން ސަލާމަތުން ގެއަށް ގެނެސް، 2023 ވަނަ އަހަރު ދިވެހި ގައުމުގެ ރިޔާސަތަށް ގެނައުމަށްފަހު ކަމަށެވެ.

ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ރާއްޖެ ދަތުރުކުރަންޖެހެނީ ޔާމީން ދައްކުވައިދިން މަންޒިލުގައި ކަމަށާއި އެގޮތުން ރާއްޖޭގެ މިއަދުގެ ތަރައްގީގެ ޣާއިދަކީ ޔާމީން ކަމަށެވެ. އަދި ޔާމީން ހިންގެވި ކަމަށް ބުނާ ކޮރަޕްޝަނެއް މިއަދާއި ހަމައަށް އައިއިރުވެސް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި ޔާމީން ޖަލުގައި ބަހައްޓާފައި ހުންނެވީ ހަސަދަވެރިކަމެއްގެ ތެރެއިން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

އަދި ރާއްޖެ އަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އިގްތިސާދު ހަމައަކަށް އެޅުވުން ފަދަ ކަންކަން ކުރުމަށް ޔާމީން ސަލާމަތްކުރުމަށް ނިކުންނަންޖެހޭ ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ޔާމީން ގެންނަންޖެހޭ ކަމަށްވެސް ޖަމީލު މިރޭ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުން ކުރިމަތީގައި އޮތް ހައްލަކީ، މި ދެންނެވި ކަންކަން ހައްލުކުރަން ބޭނުންވާނަމަ ރައީސް ޔާމީން ސަލާމަތްކުރުމަށްޓަކައި އެންމެން ނިކުންނަން އެބަޖެހޭ. 2023 ވަނަ އަހަރު ރާއްޖޭގެ ރިޔާސަތާ ކޮންމެ ހާލަތެއްގައި ވެސް މިއަދުގެ މިއޮތް މައްސަލަ ހައްލު ކުރަން ބޭނުންވާނަމަ، ރާއްޖޭގެ ސިޔާދަތު ހިފަހައްޓަން ބޭނުންވާނަމަ، ރާއްޖޭގެ ގައުމިއްޔަތު ރައްކާކުރަން ބޭނުންވާނަމަ، ރާއްޖޭގައި އިސްލާމްދީނުގެ ވަހުދަތު ގާއިމުކުރަން ބޭނުންވާނަމަ، އަޅުގަނޑުމެންގެ ކުރިމައްޗަށް ކެރޭ ލީޑަރަކު އަންނަން އެބަޖެހޭ" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ޔާމީނަށް ތައުރީފުކޮށް މިރޭ ވާހަކަދައްކަވާފައިވާއިރު، ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސަކީ ވެސް ޖަމީލެވެ. ނަމަވެސް ޕީިޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައެވެ.

އޭގެފަހުން ޖަމީލު އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ޖަމީލު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޖަމީލު ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ.

އަދި ޕީޕީއެމްއާ ޖަމީލު މިރޭ ގުޅިވަޑައިގެންނެވިއިރު، ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް އެންމެ އިސްކޮށް ހުންނަވަނީ ޖަމީލުއެވެ.