Last Updated: April 25, 11:51
Thursday, April 25, 2024
ޚަބަރު

ޖަމީލަކީ ކިންގް މޭކަރެއް: ޝަރީފް

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދަކީ ކިންގް މޭކަރެއް ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ޖަމީލު އަލުން ޕީޕީއެމްއަށް ސޮއިކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޝަރީފް ވިދާޅުވީ 2013 ގައި ޕީޕީއެމް ވެރިކަމަށް އައިއިރު ޖަމީލް ހުންނެވީ ޕީޕީއެމްގައި ކަމަށާ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ކަމަށެވެ. އަދި 2018 ގައި އެމްޑީޕީ ލީޑްކުރާ ކޯލިޝަން ވެރިކަމަށް އައިރު އެ ކޯލިޝަންގައި އެމްޔޫއޯގެ ރައީސެއްގެ ގޮތުގައި ހުންނެވީ ވެސް ޖަމީލް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އިންޝާﷲ، 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނަން އެ ހުންނެވީ ޕީޕީއެމްގައި. ޑރ ޖަމީލަކީ ކިންގް މޭކާއެއް" ޝަރީފް ވިދާޅުވިއެވެ.

2013 ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައި ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނުގެ ނައިބު ރައީސެއްގެ ގޮތުގައި ޖަމީލު ހުންނެވި ނަމަވެސް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އޭނާ މަގާމުން ދުރުކޮށްފައެވެ.

އޭގެފަހުން ޖަމީލުގެ ދިރިއުޅުއްވުން ރާއްޖެއިން ބޭރަށް ބަދަލުކުރެއްވިއިރު، ޖަމީލު ދެން ގުޅިވަޑައިގެންނެވީ އޭރުގެ އިދިކޮޅު ފަރާތްތަކާއެވެ. އެގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން އުފެއްދެވި އިއްތިހާދުގެ ލީޑަރުކަން ވެސް ޖަމީލު ކުރެއްވިއެވެ.

ޔާމީންގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ޖަމީލު އަމާޒު ކުރެއްވިއިރު، ރިޔާސީ އިންތިހާބަށްފަހު ރާއްޖެ ވަޑައިގެން ޖަމީލު ދެން ފެނިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީންނެވެ. ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޖަމީލު ވަނީ ޖޭޕީއާ ވެސް ދުރަށް ޖެހިވަޑައިގެން މި ސަރުކާރަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ.

އަދި ޕީޕީއެމްއާ ޖަމީލު ރޭ ގުޅިވަޑައިގެންނެވިއިރު، ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް އެންމެ އިސްކޮށް ހުންނަވަނީ ޖަމީލުއެވެ.