Last Updated: April 27, 08:48
Saturday, April 27, 2024
ޚަބަރު

ރާއްޖޭގައި އޮތީ ދެ ޕާޓީ ނޫންކަން ވަގުތު ޖެހުމުން އިނގޭނެ

ރާއްޖޭގައި އޮތީ ދެ ސިޔާސީ ޕާޓީ ނޫންކަން ވަގުތު ޖެހުމުން އިނގޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތީ ހަމައެކަނި ދެ ޕާޓީ ނޫން ކަމާއި، އެންމެން ތަބާވާީ އެ ދެ ޕާޓީގެ ފިކުރަށް އެކަނި ނޫންކަން ތާރީހު އޭގެ ޒާތުގައި ބުނެދޭ ކަމަށެވެ. އަދި ވަގުތު ޖެހުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން މިހެން ވިދާޅުވެފައިމިވަނީ ޖޭޕީގައި ކުރިން ހުންނެވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ރޭ އަލުން ޕީޕީއެމް އަށް ސޮއިކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޖަމީލު ޕީޕީއެމްއާ ގުޅިވަޑައިގެންނެވިއިރު ވެރިކަން ބަދަލުވުމާއެކު ކުރިން ޕީޕީއެމްގައި ތިއްބެވި އިސް ބައެއް ބޭފުޅުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ. އެއާއެކު ޖޭޕީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރި ނަމަވެސް މިފަހަކަށް އައިސް އެ ޕާޓީގެ އަޑު އަނެއްކާވެސް ވަނީ މަޑުވެފައެވެ.

ޕީޕީއެމްއާ ގުޅިވަޑައިގަތުމުން ޖަމީލަކީ "ކިންގް މޭކާއެއް" ގެ ގޮތުގައި ޕީޕީއެމްގެ ބައެއް ބޭފުޅުން ސިފަކުރަމުންދާއިރު، ރާއްޖޭގެ ވެރިކަމަށް ޖޭޕީގެ ބައިވެރިވުމެއް ނެތި އެއްވެސް ބޭފުޅަކަށް ވަޑައިނުގެންނެވޭ ކަމަށް ބުނެ އެ ޕާޓީގެ އިސް ފަރާތްތަކުން އަންނަނީ ޕީޕީއެމް އަށް ރައްދު ދެމުންނެވެ.