Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް ކަމަށް، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިފައިވާ ކަމަށާއި ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް މަރުހަބާ އެމްޑީޕީ. މާތްﷲ ގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް" ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ޕާރޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވަނީ 26 ޖޫން 2005 ގައެވެ.

އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތީން ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެވިފައިވެއެވެ. މިގޮތުން 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުކުރައްވާފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުކުރައްވާފައިވެއެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ސިޔާސަތުތަކާއި ވަޢުދުތަކުގެ ތެރެއިން ރާއްޖެއަށް ބޮޑެތި އިންގިލާބީ ހެޔޮ ބަދަލުތައް މީގެކުރިން ވެސް ގެނެސްދެއްވާފައިވާކަމާއި، އަދި މިހާރު ވެސް ގެނެސްދެއްވަމުންދާކަން ފާހަގަކޮށްފައެވެ.

މިގޮތުން ޓެކްސްގެ ނިޒާމާއި، ހިލޭ ބޭސްފަރުވާ ކުރެވޭނޭ ނިޒާމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި، ދަތުރު ފަތުރުގެ ނިޒާމު ޤާއިމުކުރުމުގެ އިތުރަށް، ލާމަރުކަޒުކުރުމާއި، ގެސްޓް ހައުސްގެ ސިޔާސަތު ތަޢާރަފުކުރުމާއި، މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމާއި، ދަރިވަރުންނަށް އެއްދަންފަޅިއަށް ކިޔަވައިދިނުމާއި، ބޯހިޔާވެހިކަމާއި ވެށިފަހި ޕްރޮގްރާމުން ގިނަގުނަ ބަދަލުތަކެއް ގެނެސްދީފައިވާކަން އެމްޑީޕީން ފާހަގަކުރެއެވެ.

އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި، ރާއްޖެއިން ބޭރުން ކިޔެވުމަށް ކުޑަ އިންޓްރެސްޓްގައި ލޯނު ފަހިކޮށްދިނުމާއި، އިންސްޓިޓިޔޫޝަނަލް ރިފޯމްގެނައުން ފަދަ މުހިއްމު ބަދަލުތައް އެ ޕާޓީގެ ވެރިކަމުގެ ތެރެއިން ގެނެސްދީ، އަދި ގެނެސްދެމުންދާކަން އެމްޑީޕީން ފާހަގަކުރެއެވެ.