Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ހުރިހާ ސިޔާސީ ޕާޓީއެއް ރޫޅިފައިވާ ކަމަށާއި އަދިވެސް ކަންކަން ކުރެވޭނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ފާޑު ވިދާޅުވެ ނަޝީދަށް ރައްދު ދެއްވައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ގިނަ ބަޔަކު އެދި އެދި ތިބި ފަދަ ތަރައްގީއެއް މިހާތަނަށް ރާއްޖެއަށް ގެނެސްފައި ވަނީ އިދިކޮޅުގައި މިހާރު އޮތް ޕީޕީއެމްގެ ސަރުކާރުގައި ކަމަށެވެ. އަދި 2023ގައި ރާއްޖޭގައި ވެރިކަން ކުރާނީ ރައީސް އަބްދުﷲ ޔާމީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ އެމްޑީޕީ އަށް ވަނީ 15 އަހަރު ފުރިފައެވެ. ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިފައިވާ ކަމަށާއި ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް މަރުހަބާ އެމްޑީޕީ. މާތްﷲ ގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް" ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ޕާރޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވަނީ 26 ޖޫން 2005 ގައެވެ.

އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތީން ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެވިފައިވެއެވެ. މިގޮތުން 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުކުރައްވާފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުކުރައްވާފައިވެއެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ސިޔާސަތުތަކާއި ވަޢުދުތަކުގެ ތެރެއިން ރާއްޖެއަށް ބޮޑެތި އިންގިލާބީ ހެޔޮ ބަދަލުތައް މީގެކުރިން ވެސް ގެނެސްދެއްވާފައިވާކަމާއި، އަދި މިހާރު ވެސް ގެނެސްދެއްވަމުންދާކަން ފާހަގަކޮށްފައެވެ.