Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އުސޫލުން ބޭރުން ވަކިކުރާ ފުލުހުންނަށް އިދިކޮޅުގެ ވެރިކަމެއްގައި ވަޒީފާ ލިބޭނެ

އުސޫލުން ބޭރުން މި ސަރުކާރުން ވަކިކުރާ ފުލުހުންނަށް އިދިކޮޅުގެ ވެރިކަމެއްގައި ވަޒީފާ ލިބޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުސޫލުން ބޭރުން މި ސަރުކާރުން ވަޒީފާ އިން ވަކިކުރާ ކޮންމެ ފުލުހަކަށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ވަޒީފާ ކަށަވަރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ފުލުހުންގެ ހިދުމަތުގެ ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ބާބެއް ހިމަނާފައިވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން އެ ބިލުގައި މިހާރުވާ ގޮތުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށް އެންގުމުގެ ބާރު ކޮމިޓީ އަށް ލިބިދީފައިވެއެވެ. މީގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށް އިދިކޮޅުން ބުނެއެވެ.

މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.