Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ރައްޔިތުން ތަމްސީލު ނުކުރާނަމަ ޕީޕީއެމަށް ވޯޓުދިނުމުގެ ބޭނުމެއް ނެތް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް - ފޮޓޯ: މަޖިލިސް

ރައްޔިތުން ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ މެމްބަރުން ވަޑައިނުގަންނަވާނަމަ، އެ ޕާޓީ އަށް ވޯޓު ދިނުމުގެ ބޭނުމެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުންނާއި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި ޝިޔާމަށް ލިބުނު އަނިޔާތަކާ ގުޅިގެން މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތަމްސީލުކުރައްވާ މެމްބަރުން ވަނީ ޖަލްސާތައް ބޮއިކޮޓްކޮށްފައެވެ.

އެގޮތުން އެ މެމްބަރުން ވަނީ މަޖިލީހަށް ދެން ވަޑައިގަންނަވާނީ ރައްކާތެރި މާހައުލެއް އޮތްކަން ކަށަވަރުވުމުން ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ވާދަވެރި ފަރާތްތައް ކުރަމުންދަނީ ވަރަށް ދެރަ ކަމެއް ކަމަށާއި އިދިކޮޅު މެމްބަރުންގެ އަދަދު މަޖިލީހުގައި މަދުވި ނަމަވެސް އެއީ ރައްޔިތުން ތަމްސީލުކުރަން ފޮނުވި ފަރާތްތަކަކަށްވާއިރު އަމިއްލަ އަށް އެ ފަރާތްތަކުން އެ ރައްޔިތުންގެ އަޑު ކަނޑުވާލުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

އަދި އިދިކޮޅު މެމްބަރުން ކުރަމުންދާ ކަންތައްތަކާއި މެދު އެ ފަރާތްތަކަށް ތާއީދުކުރާ މީހުން ވެސް ހިތްހަމަނުޖެހޭނެ ކަމަށާއި މިދިޔަ 18 ވަނަ މަޖިލީހާއި ހިލާފަށް މިހާރުގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން މަސައްކަތް ނުކުރާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މިއީ ގައުމަށް ދަތި އުނދަގޫ ދަނޑިވަޅެއްކަން ފާހަގަކުރައްވަމުން އާޒިމް ވަނީ މިއީ އެކުގައި މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށާއި އަދި މަޖިލީހަށް ވަޑައިނުގަތުން ފަދަ ކަންކަން ކުރާނަމަ ކުރިއަށް އޮތް ތަނުގައި އިދިކޮޅު ފަރާތްތަކަށް ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

"ކިރިޔާ ވެސް އަޅުގަނޑުމެންނާ ވާދަކޮށްލަން މިހާރު އޮތް ޕާޓީއަކީ ޕީޕީއެމް ކަމުގައިވާތީ، ޕީޕީއެމްގެ މެމްބަރުން ދެން އެ މެމްބަރުން ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހަށް ގޮސް އެ ބޭފުޅުންގެ ފަރާތުން ވަކާލާތު ނުކުރާނަމަ އެ ބޭފުޅުންގެ އާންމު ރައްޔިތުން ނިކުމެ އެ ބޭފުޅުންގެ ޕާޓީއަށް ވޯޓު ދިނުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނޭ" އާޒިމް ވިދާޅުވިއެވެ.

އަދި އިދިކޮޅު ތަމްސީލު ކުރައްވަން އެންމެ މެމްބަރެއް މަޖިލީހުގައި އިންނެވި ނަމަވެސް ރައްޔިތުން ތަމްސީލުކޮށް ހިޔާލު ފާޅުކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.