Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ވަޒީފާ ގެއްލުނު މީހުންގެ އާއިލާގައި ކުޑަކުދިން ތިބޭނަމަ އިތުރަށް ފައިސާ ދެނީ

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންގެ އާއިލާގައި ކުޑަކުދިން ތިބޭނަމަ، އިންކަމް ސަޕޯޓު އެލަވެންސްގެ އިތުރުން، އިތުރަށް ފައިސާ ދިނުމަށް ނިންމައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ވަޒީފާ ގެއްލިގެން ޖޮބް ސެންޓަރުގައި ރަޖިސްޓްރީވި އާއިލާތަކަށް ސަރުކާރުންދޭ 5،000 ރުފިޔާގެ އިތުރަށް، އެ އާއިލާތަކުގައި ކުޑަކުދިން ތިބޭނަމަ ޔުނިސެފާއި ގުޅިގެން އިތުރަށް ފައިސާ ދިނުމުގެ ގޮތުން ޗައިލްޑް ގްރާންޓެއް ފަށާފައިވާ ކަމަށެވެ.

"އެހެންވީމަ އާއިލާގައި ކުޑަކުދިން ތިބިނަމަ 5،000 ރުފިޔާގެ އިތުރަށް، އިތުރު ފައިސާ ވަދެގެންދާނެ" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

ނަމަވެސް މިގޮތުން އިތުރަށް ދޭން ނިންމާފައިވާ ފައިސާގެ އަދަދެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

މީގެއިތުރުން މި ހާލަތާއި ގުޅިގެން ދެން ބޭނުންވަނީ ކޮން ކަހަލަ ސްކީމްތަކެއްތޯ ބެލުމަށް އެސެސްމެންޓުތައް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 1450 މީހަކަށް ޖުމްލަ 5.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ވިދާޅުވެފައެވެ.

"އިންކަމް ސަޕޯޓު އެލަވަންސް" އެލަަވަންސް ދެނީ ވަކި ހާއްސަ އުސޫލެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޮވިޑް19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.