Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އެފްއޭ ކަޕްގެ ސެމީ އަށް ޔުނައިޓެޑް ދަތުރުކޮށްފި

2-1 އިން ނޯވިޗް ސިޓީ ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ނޯވިޗްގެ ދަނޑުގައި ކުޅުނު މި މެޗަށް ޔުނައިޓެޑުން ނެރުނު ޓީމުގައި ގިނައިން ހިމަނާފައިވަނީ އެޓީމުގެ ފުރަތަމަ އެގާރައިން އާންމުކޮށް ޖާގަ ނުލިބޭ ކުޅުންތެރިންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި އިގާލޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ.

ނަމަވެސް މެޗުގެ 75 ވަނަ މިނެޓްގައި ޓޮޑް ކަންޓްވެލް ވަނީ ހިތްގައިމު ގޯލަކާއެކު ނޯވިޗަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 89 ވަނަ މިނެޓްގައި ނޯވިޗްގެ ކްލޯސާ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކުއެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރުމަށް ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން އެ ދެ ހާފްގެ ތެރެއިން ފަހު ހާފްގެ ފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މުބާރާތުގެ ސެމީގައި ޔުނައިޓެޑް ބައްދަލުކުރާނެ ޓީމެއް އިނގޭނީ މިރޭ ކުޅޭ ކުއާޓާފައިނަލްގެ އިތުރު މެޗުތަކަށްފަހު ނަގާ ގުރުއަތުލުމުންނެވެ.

މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ސިޓީ ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ޗެލްސީން ލެސްޓަ ސިޓީއާ ދެކޮޅަށް ނިކުންނައިރު އާސެނަލް އިން ނިކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.