Last Updated: April 25, 06:02
Thursday, April 25, 2024
ވިޔަފާރި

ބީއެމްއެލް އިން މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު މ.ސްޓަރ ކްލައުޑް (ކުރީގެ ސްޓަރ ސިނަމާ) އިމާރާތުގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

މާލޭގެ މައި ސަރަހައްދެއްގައި ހުޅުވިގެން މިދިޔަ ސްޓަރ އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެެއެވެ.

24 ގަޑިއިރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ މި ސެންޓަރުގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތްތައް އެކުލެވިގެންވާ 3 އޭޓީއެމް ހިމެނެއެވެ. އަދި މި އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ހުޅުވިގެންދިޔަ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަކީ މުޅި ރާއްޖެއަށް ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރެވެމުންދާ އިންވެސްޓްމަންޓްގެ ދަށުން ގާއިމްކުރެވުނު އޭޓީއެމް ސެންޓަރެއް ކަމަށެވެ.

ބޭންކިންގ ހިދުމަތް ހޯދުމަށް ބްރާންޗަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި މި ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހައިން ބޭނުން ވަގުތެއްގައި ބޭންކިންގ ހިދުމަތް ހޯދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ހަފްތާގައި އަޅުގަނޑުމެންވާނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން 4 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާކަން ހާމަކޮށްފައި، އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި މި އޭޓީއެމްތައްވެސް އިތުރުކުރެވިގެންދިޔުން" އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 56 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.