Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އިދިކޮޅާ ނުލައި ޖަލްސާތައް ކުރިއަށް ގެންދިޔުމަކީ ނާތަހުޒީބު ކަމެއް

އިދިކޮޅާ ނުލައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަކީ ނާތަހުޒީބު ކަމެއް ކަމަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާދަމާގެ ޖަލްސާ ވެސް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށާއި، ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމާފައިވަނީ އެ ކޯލިޝަނުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގައި ސަލާމަތާ ރައްކާތެރިކަން އަދިވެސް ކަށަވަރުވެފައި ނުވާތީ ކަމަށެވެ.

އަދި މިކަން ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް މި ކޯލިޝަނުން ގޮވާލަމުންދާއިރު ވެސް މަޖިލީހުގެ ރައީސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މަލްޓި ޕާޓީ ޑިމޮކްރެސީގެ ނިޒާމެއްގައި އޮޕޮޒިޝަނާ ނުލައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާކަމީ ޑިމޮކްރެސީގެ ހަމަތަކާ ބީރައްޓެހި ވަރަށް ނާތަހުޒީބު ކަމެކެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ބިލުތަކެއް މަޖިލީހަށް ހުށަހެޅިފައިވުމާއި، ރައްޔިތުން ހިތްހަމަނުޖެހޭ އެތައްކަމެއް މަޖިލީހުން ހިނގަމުންދިޔުމާއި އަދި ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި އަޑުއުފުލަންޖެހޭ ވަރަށް ގިނަ މައްސަލަތައް ހުރެމެ، މަނޯރިޓީއަށް އެ ފުރުސަތު ނުލިބޭތީ ހިތާމަކުރާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.