Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެމްޑީޕީއާ ގުޅިގެން ސިޔާސީ މަސައްކަތެއް ދެން ނުކުރާނަން: ޖަމީލު

އެމްޑީޕީއާ ގުޅިގެން ސިޔާސީ މަސައްކަތެއް ކުރާތަން ދެން ނުފެންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރެވުނު މަސައްކަތުގައި އޭނާ ވަނީ އެމްޑީޕީގެ އިތުރުން އޭރު އޮތް އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ. އެގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން އުފެއްދި އިއްތިހާދުގެ ލީޑަރުކަން ވެސް ޖަމީލު ކުރެއްވިއެވެ.

ނަމަވެސް އަލުން އެނބުރި ޖަމީލު ދާދިފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާއިރު ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ އޭނާ އަކީ އެއް އިރެއްގައި ވެސް އެމްޑީޕީގެ މެމްބަރެއް ނޫން ކަމަށާއި އަދި އެ ފިކުރުގެ މީހެއް ވެސް ނޫން ކަމަށެވެ.

"އެމްޑީޕީއާ ގުޅިގެން އަޅުގަނޑު ސިޔާސީ މަސައްކަތެއް ކުރާތަނެއް ދެނެއް ފެނިގެނެއް ނުދާނެ" ޖަމީލު ވިދާޅުވިއެވެ.

ނައިބު ރައީސަކަށް ހުންނަވަނިކޮށް ޖަމީލު މަގާމުން ދުރުކުރީ ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ކަމަށްވާއިރު، އެ ބޭފުޅުންނާއެކު މަސައްކަތް ކުރައްވަން އަލުން ގުޅިވަޑައިގެންނެވީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން ޖަމީލު ވިދާޅުވީ އެ ބޭފުޅުންނަށް މިހާރު މައާފު ކުރައްވާފައިވާ ކަމަށެވެ.

އަދި އަބަދުވެސް މަސައްކަތް ކުރައްވަނީ ކަންކަން ގޯސްވަމުންދާއިރު އެ ކަންކަން ރަނގަޅުކުރުމަށް ކަމަށާއި ވަކި ބަޔަކާއި ގުޅުމަކުން އޭނާ އަށް ލިބޭ މަންފާއެއް ނެތް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އެގޮތުން ސިޔާސީ މަސައްކަތް ކުރާއިރު ޒާތީ ވެގެން އުޅޭނަމަ ކޮންމެ މީހަކު ވެސް އުޅޭނީ ވަކި ޕާޓީއެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޭގެ ޕްރޮގްރާމްގައި ވެސް ޖަމީލު ވަނީ ރާއްޖެ އަށް މިހާރު ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ ހައްލަކީ ޔާމީން ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް ތަކުރާރު ކުރައްވާފައެވެ.