Last Updated: April 19, 11:14
Friday, April 19, 2024
ދުނިޔެ

ޓްރަމްޕް ހައްޔަރުކުރަން އިރާނުން އަމުރެއް ނެރެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރުކުރަން އިރާނުން އަމުރެއް ނެރެފިއެވެ.

ޓްރަމްޕް ހައްޔަރުކުރަން އިރާނުން އަމުރެއް ނެރުނީ އެމެރިކާ އިން ދިން ހަމަލާއެއްގައި އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެންނެވެ. އޭނާ އަވަހާރަކޮށްލީ މިއަހަރުގެ ކުރީކޮޅުއެވެ.

އިރާނުގެ ވެރިރަށް ތެހްރާންގެ ޕްރޮސެކިއުޓަރެއް ކަމަށްވާ އަލީ އަލްގައިސް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޓްރަމްޕްގެ އިތުރުން 30 މީހަކު ހައްޔަރުކުރަން އަމުރެއް ނެރެފައިވާ ކަމަށާއި އެމީހުންގެ މައްޗަށް ކުރެވެނީ މީހަކު މަރާލުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާތަކެއް ކަމަށެވެ.

މި އަމުރު ނެރުމަށްފަހު އިރާނުން ވަނީ ޓްރަމްޕް އާއި ދެންވެސް މިކަމުގައި ހިމެނޭ މީހުން ހައްޔަރުކުރުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުމަށް ވެސް އެދިފައެވެ. ނަމަވެސް މިކަމާ ގުޅިގެން އިންޓަޕޯލް އިން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާ އިން އިރާގުގެ ވެރިރަށް ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާއެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަމަލާ ދީފައިވަނީ ސުލައިމާނީ އެއާޕޯޓަށް ވަޑައިގެންނެވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

އެމެރިކާ އިން ދިން ވައިގެ މި ހަމަލާގައި އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.

އީރާނުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ސުލައިމާނީ އަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެއް ކަމަށްވާއިރު އިރާނުން ވަނީ މިކަމުގެ ބަދަލު ވަރަށް ހިތި ގޮތަކަށް ހިފާނެ ކަމުގެ އިންޒާރު އެމެރިކާ އަށް މީގެކުރިން ދީފައެވެ.