Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ސްކޫލްތަކުގެ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި

އައު އާންމު ހާލަތަށް ސްކޫލްތައް ހުޅުވުމަށް ވަމުންގެންދާ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައްލަވާލައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ ޓީމަކުން މިއަދު ވަނީ މާލެ ސަރަހައްދުގެ ގިނަ ސްކޫލްތަކަކަށް ޒިޔާރަތް ކުރައްވާފައެވެ.

ސްކޫލްތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މަޝްވަރާ ކުރުމަށްފަހު ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި މި ހާލަތުގައި އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ސިއްހީ ރައްކާތެރި ކަމަށް ކަމަށެވެ. އެގޮތުން ދަރިވަރުން ސްކޫލަށް އަންނައިރު ހުން ބަލާ ތާމޯމީޓަރު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި ސްކޫލްތައް އަންނަ މަހުގެ އެކެއްގައި ހުޅުވޭއިރު މި ތަކެތި ސްކޫލްތަކަށް ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބެލެނިވެރިންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވާނެކަން. ސްކޫލަށް ދަރިވަރުން ވެއްދޭނީ ހުން ބެލުމަށްފަހު. ހަމަ ގޭޓް ކައިރިން ހުން ބެލިގެންދާނެ، މިކަމަށް ތަމްރީނު ކުރެވިފައިވާ ފަރާތްތައް ހުރިހާ ގޭޓްތަކެއްގެ ކައިރީގައި ތިބޭނެ. ވީހާވެސް ގިނަ ގޭޓުން ދަރިވަރުން ވެއްދުމުގެ މަސައްކަތް ކުރިއަށްދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ސްކޫލްތަކުގައި ފިޒިކަލް ޑިސްޓެންސިންގެ ކަންކަން ކުރުމަށް ވެސް ރާވަމުންދާ ކަމަށާއި އެގޮތުން ސްކޫލްތަކުގެ ކްލާސްރޫމްތަކުގެ ސައިޒު މިހާރު ކުޑަކުރެވިފައިވާ ކަމަށާއި އެގޮތުން ކްލާހެއްގައި މިހާރު ގިނަވެގެން ތިބޭނީ 15 ކުދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.