Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން: އުޝާމް

ކުރީގެ ބަންޑާރަ ނާއިބުގެ ނައިބުކަން ކުރެއްވި އަދި ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ގޮސް ހުއްޓައި ޖިންސީ ގޯނާ ލިބުނު ބިދޭސީ އަންހެން މީހާގެ ބަސް ހޯދުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

އެގޮތުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހަކީ ތަހްގީގީ އިދާރާއެއް ނޫން ކަމަށާއި މިނިވަން މުއައްސަސާތައް އުފެއްދުމުގެ ބޭނުމަކީ މިކަހަލަ މައްސަލަތައް ބެލުން ކަމަށެވެ.

"މަޖިލީހުގެ ދައުރަކަށް ވާންޖެހޭނީ ސަރުކާރާއި މުއައްސަސާތަކުން ކަންކަންކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި، ފާރަވެރިވެ، އެމުއައްސަސާތައް ޖަވާބުދާރީކުރުވުން" އުޝާމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި މައިގަނޑު ފަސް ހުށަހެޅުމެއް ވަނީ ފާސްކޮށްފައެވެ. އެ ހުށަހެޅުންތައް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދެވެ.

އެ ހުށަހެޅުންތަކަކީ ވިކްޓިމްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޖެންޑަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ބެލުމާއި، ފުލުހުންގެ ތަހުޤީޤު އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާކަން ކަށަވަރު ކުރުމަށް ޕީޖީން ކުރަމުންދާ މަސައްކަތް ބެލުމުގެ އިތުރުން ޖިންސީ ގޯނާގެ ޝިކާރަކަށްވި އަންހެން މީހާ ރުހޭނަމަ ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ ބަހެއް ހޯދުމެވެ.

އަދި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް މީޑިއާ ތަކަށް ބާރު އެޅުމަށް މީޑިއާ ކައުންސިލާ ބްރޮޑްކާސްޓިންގ ކޮމިޝަނަށް އެންގުމުގެ އިތުރުން މި ހާދިސާ ހިނގި ސަރަހައްދަށް އެންމެ ފުރަތަމަ ދިޔަ އޮފިސަރާއި، ސްޓޭޝަން އިންޖާރޖް ހާޒިރުކޮށް ކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.