Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ޖިންސީ އަނިޔާގެ މައްސަލަތަކުގައި ސާބިތު ނުހިފޭ މައުލޫމާތު ނުފަތުރަން އަންގައިފި

ޖިންސީ އަނިޔާގެ މައްސަލަތަކުގައި ސާބިތު ނުހިފޭ މައުލޫމާތު ޝާއިރު ނުކުރުމަށް މީޑިޔާތަކަށް، މީޑިޔާ ކައުންސިލުން އަންގައިފިއެވެ.

އެމްއެމްސީން މިގޮތަށް އަންގާފައިމިވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެމްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ބޭރުގައި އަޅާފައިވާ ސަފާރީއެއްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވެ ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން އެކި އޮންލައިން ނޫސްތަކުގައި ޝާއިއުކުރަމުން އަންނަ ލިޔުންތަކާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލުގެ ސަމާލުކަމަށް އެކި ފަރާތްތަކުން ގެންނަމުންދާ ކަމަށެވެ.

އެގޮތުން "ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑު" ގައި ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތެއް ހާމަކުރާއިރު، އެފަރާތަކީ ކާކުކަން ހާމަވާ ފަދަ އެއްވެސް މަޢުލޫމާތެއް، ހާމަކުރާނީ އެފަރާތެއްގެ ރުހުމާއި އެކުގައި ކަމާއި އަދި އެފަދަ ފަރާތްތަކުގެ ޒާތީ އަދި އިންސާނީ ކަރާމާތަށް އިހުތިރާމް ކުރަންވާނެ ކަމަށް ބުނެފައިވާކަން އެމްއެމްސީން ފާހަގަކުރެއެވެ.

އަދި ޖިންސީ އަނިޔާގެ ހުރިހާ ބާވަތެއްގެ މައްސަލަތަކަކީ ވަރަށް ބޮޑަށް ޕަބްލިކް އިންޓަރެސްޓާ ގުޅިފައިވާ މައްސަލަތަކަކަށް ވެފައި، އެފަދަ މައްސަލައެއްގެ މަޢުލޫމާތު މީޑިއާއަކުން ރިޕޯޓް ކުރާއިރު އެކަން ކުރަން ވާނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށް ޔަގީންކޮށްފައި ކަމަށް ބުނެފައެވެ. އަދި އިތުބާރު ނުހިފޭ މަސްދަރުތަކުގެ މައްޗަށް ބުރަވެ، ސާބިތު ނުހިފޭ މައުލޫމާތު ޝާއިއުނުކުރުމަށް ވެސް މީޑިއާތަކަށް ވަނީ އަންގާފައެވެ.

"ޖިންސީ ޝިކާރައަކަށްވެފައިވާ ފަރާތްތައް ނޫނީ ފަރާތެއްގެ އިންސާނީ ކަރަމާތަށް އުނިކަން އަންނާނެ ފަދަ ދަރަޖައަކަށް، އޭނާއާ މެދު ހިންގި އަމަލު ތަފްސީލްކޮށް ރިޕޯޓްކުރުމުން ދުރުހެލިވުމަށް ވެސް މީޑިއާތަކަށް މި ކައުންސިލުން ނަސޭހަތްތެރިވަމެވެ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ކުށްވެރިވެ، ފަޟީހަތްވެ އޭނާގެ ހާލަތު ގޯސްވެދާނެ ފަދަ ގޮތަކަށް މީޑިއާތަކުން މައުލޫމާތު އާންމު ނުކުރުމަށް ވެސް އިލްތިމާސްކުރަމެވެ" އެމްއެމްސީން ބުނެއެވެ.

މީގެ އިތުރުން، އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ޚަބަރާއި މައުލޫމާތު އާންމު ނުކުރުމަށާއި އަދި އިސްލާމް ދީނުގެ އަސްލުތަކާ ކަނޑައެޅިގެން ހިލާފު މައުލޫމާތާއި ޖިންސީ އަމަލުތަކާއި ޝަހުވާނީ ކަންކަމަށް ތަރުހީބުދީ
ހިތްވަރު ލިބޭ ފަދަ ލިޔުންތައް ޝާއިއު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އެމްއެމްސީން ވަނީ މީޑިއާތަކުގެ އަޚުލާގީ މިންގަނޑާ ޚިލާފަށް މަޢުލޫމާތު އާންމު ކުރާ ނޫސްތަކާއި މަޖައްލާތަކުގެ މައްސަލަތައް ކައުންސިލުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައެވެ.